ރަޝިއާ ސިފައިން ފަހަތަށް ޖައްސާ ޔޫކްރައިން އިން އަތުލި އިރުމަތީ ޓައުނެއް ކަމަށް ވާ ލޭމަން އިން 200 ހަށިގަނޑު ވަޅުލައިފައި އޮތް ގަބުރުސްތާނެއް ފެނިއްޖެއެވެ.

ޔޫކްރައިން އިން ޑެނެސްކް ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ގަވަރުނަރު ޕެވްލޯ ކިރިލެންކޯ ވިދާޅުވީ، ރަޝިއާ ސިފައިން ލޭމަން ދޫކޮށް ދިޔުމުން ޔޫކްރައިން ސިފައިން އެ ޓައުނަށް އެރުމުން ފެނުނީ ގަބުރުސްތާން ކަމަށާއި އެއް ތަނެއްގައި އާންމުންގެ 200 މީހެއްގެ ހަށިގަނޑު އެބައޮތް ކަމަށެވެ. އަދި ދެވަނަ ގަބުރުސްތާނެއްވެސް ފެނިފައި ވާ ކަމަށާއި އެތަނުގައި ތިބީ ސިފައިން ކަމެއް ނުވަތަ އާންމުންނާއި ސިފައިން ކަމެއް އަދި ބެލިފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ދެ ގަބުރުސްތާނުގައި ވަޅުލާފައި ތިބި މީހުންގެ މައުލޫމާތު އެއްކޮށް މަރުވެފައި ވާ ކަމަށް ބެލެވޭ މުއްދަތު ދެނެގަތުމުގެ މަސައްކަޔް ކުރަމުން ދާ ކަމަށާއި، ހަގީގަތް އޮޅޭ ގޮތަށް އެއްވެސް ފަރާތަކުން މައުލޫމާތު ނުފެތުރުމަށެވެ.

ލޭމަން އަކީ ރަޝިއާއިން އަތުލި ބިންތަކުގެ ތެރޭގައި ހިމެނޭ ޑޮނެކްސްގައި ރަޝިއާއިން ޔޫކްރައިންގެ އިރުމަތިން ހަމަލާ ދިނުމަށް ބޭނުން ކުރި މުހިންމު ޓައުނެކެވެ.

ރަޝިއާއިން ޔޫކްރައިން އަށް އަރާ ކުރަމުން ދާ ހަނގުރާމައިގައި ބޮޑެތި ގަތުލުއާންމު ހިންގާ ކަމަށް މީގެ ކުރިންވެސް ރޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލޮންސްކީ ގެންދެވީ ވިދާޅުވަމުންނެވެ. އެގޮތުން ވެރިރަށް ކީވް އާ ކައިރީގައި އޮންނަ ބުޗާއާއި، މަރިއުޕޮލް އަދި އިޒްޔަމް ގައި ވެސް ގަތުލުއާންމު ހިންގާފައި ވާ ކަން ފެންނަ ވީޑިއޯއާއި ފޮޓޯތައް ވަނީ އާންމުވެފައެވެ. އިޒްޔަމް އިން ފެނުނު ގަބުރުސްތާނުގައިވެސް 400 އަށް ވުރެ ގިނަ މީހުންގެ ހަށިގަނޑު ވަޅުލާފައި އޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ.