އިންޑޮނީޝިއާގެ ލީގާ 1 ގެ މެޗެއް ނިމުނު ވަގުތު ސަޕޯޓަރުން ދަނޑުމައްޗަށް އަރައިގަތުމުން ހިނގި ހާދިސާގައި 131 މީހަކު މިހާތަނަށް މަރުވެފައި ވާ އިރު އެ މައްސަލައާ ގުޅިގެން 6 މީހަކަށް ދައުވާ ކުރާނެ ކަމަށް ޕޮލިސް ޗީފް ވިދާޅުވެއްޖެއެވެ.

އޭގެ ތެރޭގައި ފުލުހުންގެ އޮފިސަރުންނާއި، އޮގަނައިޒް ކުރި ފަރާތްތައް ހިމެނޭ އިރު އެމީހުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލާނެ ކަމަށް ވިދާޅުވެއެވެ.

އެ ހާދިސާގައި އެހާ ގިނަ ބަޔަކު މަރުވާން ދިމާވީ، މެޗް ނިމުނު ވަގުތު ސަޕޯޓަރުންތައް ދަނޑަށް އެރުމުން އެމީހުން ފައްސާލަން ފުލުހުން ޕެޕާސްޕްރޭ ޖެހި ވަގުތު އެ އެންމެން އެކީ ދަނޑުން ނުކުތުމަށް ގޭޓާ ދިމާއަށް ދުއްވައިގަތުމުންނެވެ. އެވަގުތު ގޭޓް ފުރި ބާރުވެ ނުކުމެވޭނެ މަގު ބަންދުވެ ކަރުނަގޭހުގެ ތެރޭގައި ހާސްވެ ގިނަބަޔަކު މަރުވީއެވެ.

ތަނެއް ދޮރެއް ނުފެންނަ ވަރަށް ފުލުހުން ކަރުނަގޭސް ޖެހި އިރު، ފުލުހުންނާއި އާންމުންގެ ބައެއް މީހުން ތަޅާފޮޅާ މަންޒަރުވެސް ވިޑިއޯތަކުން ފެނުނެވެ. އަދި އާންމުން ފުލުހުންގެ ވެހިކަލްތަކަށް ގެއްލުން ދީ ހަލާކުކޮށްލާފައި ވެސް ވެއެވެ.

މި މައްސަލައިގައި ޖިނާއީ ދައުވާ އުފުލާ 6 މީހުންގެ ތެރެއިން 5 މީހުންނަކީ ކަރުނަ ގޭސް ޖެހުމަށް އަމުރު ކުރި 2 އޮފިސަރަކާއި ކަރުނަގޭސް ޖެހުން ފީފާ ގަވައިދުގައި މަނާކަން ދެނެހުރެ ނުހުއްޓުވި އޮފިސަރަކާއި އެ ދުވަހުގެ މެޗްގައި އެއްކޮޅުން ބައްދަލު ކުރި އަރޭމާ އެފްސީގެ އޯގަނައިޒިން ކޮމިޓީގެ ވެރިޔާ އާއި އެ ކްލަބްގެ ސެކިއުރިޓީ އޮފިސަރެކެވެ. 6 ވަނަ މީހަކީ ކާކުކަން އަދި ސާފެއް ނުވެއެވެ.

އިދާރާތަކުން ބުނީ، އެ ދުވަހުގެ މެޗް ކުޅުނު ވަގުތު ދަނޑުގައި އެކި ޔުނިޓުތަކުގެ 2000 ފުލުހުން ހަރަކާތްތެރިވި ކަމަށެވެ. މިހާ ގިނަ އަދަދެއްގެ ބަޔަކު ސެކިއުރިޓީ ބަލަހައްޓަން ހަރަކާާތްތެރި ވީ، އެ ދުވަހުގެ މެޗްގައި ބައްދަލު ކުރި 2 ޓީމުގެ ވާދަވެރިކަމާއި، ދެކޮޅުވެރިކަމާ ހުރެ ހަމަނުޖެހުމެއް ހިނގާނެ ކަމަށް މާކުރިން ސުރެ ބެލެވިފައި އޮތުމުންނެވެ.

ޖުމްލަ 320 މީހަކު ޒަހަމްވެސް ވި އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައު 17 ކުޑަކުދިންވެސް ހިމެނެއެވެ.