ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން ބުނީ، ޖުޑީޝަލް ސާވިސް ކޮމިޝަނަކީ، ދެފުށް ފެންނަ، ސިޔާސީ ނުފޫޒުން މިނިވަންވެފައި ވާ މުއައްސަސާއެއް ކަން ކަށަވަރު ކުރުމަށްޓަކައި، ކަމާގުޅޭ ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް، އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް އެކުލެވޭ ބިލު އެކުލަވާލައި، ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ތެރޭގައި ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައި ކަމަށެވެ. އެގޮތުން، ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި ތައާރުފު ކުރަންޖެހޭ ގާނޫނު އެކުލަވާލުމަށް ބޭނުންވާ މަޝްވަރާއާއި ހިޔާލު ހޯދުމުގެ މަސައްކަތް ވަނީ ފަށާފައި ކަމަށް އެ އޮފީހުން ބުނެއެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް އިސްލާހު ގެނައުމަށް ޝަރުއީ ދާއިރާ އާއި ކަމާބެހޭ އެ ނޫން ވެސް ފަރާތްތަކާ މަޝްވަރާ ކުރުމަށް ނިންމާފައިވާ އިރު، ރައްޔިތުންގެ ހިޔާލު ހޯދުމަކީ މުހިންމު ކަމެއް ކަމުގައި ފެންނަ ކަމަށާއި ކަމާގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށްޓަކައި، އެ ފުރުސަތު އާންމުކޮށް ހުޅުވާލާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެއެވެ.

އެގޮތުން، އެކަމަށްޓަކައި އެކުލަވާލާފައިވާ ފޯމު މެދުވެރިކޮށް ހިޔާލު ހުށަހެޅޭނެ ކަމަށާއި ހިޔާލު ހުށަހެޅުމަށް މި ލިންކް ބޭނުން ކުރުމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެއެވެ. މީގެ އިތުރުން، އީމެއިލްގެ މެދުވެރިކޮށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މި އީ-މެއިލް އަށް ހިޔާލު ހުށަހެޅޭނެ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

ހިޔާލު ހުށަހެޅުމުގެ މުއްދަތަކީ، މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެޓާޏީ ޖެނެރަލް އޮފީހުން ބުނެއެވެ.