މުޅި ރާއްޖޭގެ އިގުތިސޯދު ބިނާވެފައި އޮތީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ މައްޗަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އާއި ނޫވިލު ސީޕްލޭން ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ދިވެހިންގެ ބުރަ މަސައްކަތުން ހެދި ދިވެހިންގެ އެއާޕޯޓެއް ކަމަށާއި ރާއްޖޭގެ އިގުތިސޯދުގެ މައި ދޮރޯއްޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުކަމުގައިވާއިރު މިއީ ދައުލަތުގެ އެންމެ މުހިއްމު ހަރުމުދާ ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރެވުނު އެ މަސައްކަތަކީ ހިނގަހިނގާ އޮތް އެއާޕޯޓެއްގެ ތެރޭގައި އާ އެއާޕޯޓެއް އެޅުން ފަދަ މަސައްކަތެއް ކަމަށާއި އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއުތައް ހިނގަމުން ދިޔައިރު އެއާޕޯޓުގެ ހިދުމަތްތައް މެދު ނުކެނޑި ކުރިޔަށް ގެންދެވުނުކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖެއިން ބޭރުން އަންނަ އިންޓާނޭޝަނަލް ފްލައިޓްތައް ވެލާނާ އެއާޕޯޓުގައި ޖެއްސުމާއިއެކު ދެން އެންމެ އަވަހަށް ކުރެވޭ ކަމަކީ ފަތުރުވެރިން އެމީހުންގެ މަންޒިލަށް ގެންދިޔުމުގެ މަސައްކަތް ކަމަށާއި އެގޮތުން ދުވާލެއްގެ މައްޗަށް 600 ސީޕްލޭން މޫވްމެންޓް ހިނގާކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ އަލަށް މިއަދު ހުޅުވުނު އާ ސީޕްލޭން ޓާމިނަލާއެކު ފަތުރުވެރިންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބި ދަތުރުތައް އަވަސްވެގެންދާނެ ކަމަށެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ އެއާޕޯޓުގެ ތަރައްގީއަށް މުހިއްމު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު އެދާއިރާތަކުން މީހުން ތަމްރީން ކުރުމުގެ މުހިއްމު ކަމަށާއި އަތޮޅުތެރޭގައި ދަތުރުފަތުރުގެ ކަންކަން ތަރައްގީ ކުރުމަށް ސަރުކާރުން މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.