މާވެލް ސިނެމެޓިކް ޔުނިވާސް (އެމްސީޔޫ) ގެނެސްދޭ "ބްލެކް ޕެންތާ: ވަކަންޑާ ފޮރެވާ" ގެ ރަސްމީ ޓްރެއިލާ އާންމުކޮށްފިއެވެ.

މި ފިލްމަކީ މިއަހަރު ނެރޭ ފިލްމުތަކުގެ ތެރެއިން އާންމުން އެންމެ އިންތިޒާރުކުރާ ފިލްމުވެސްމެއެވެ. ސޯޝަލް މީޑިއާގައި ފިލްމުގެ ޓްރެއިލާ ރީތިވެގެން އުޅޭ ވާހަކަ ދައްކަމުން އަންނައިރު މި ފިލްމަކީ އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމުގެ ފުރަތަމަ ބައިގައި ބްލެކް ޕެންތާގެ ރޯލު ކުޅުނު ޗެޑްވިކް ބޯސްމަން ވަނީ 2020 ވަނަ އަހަރު ކެންސަރު ބަލީގައި މަރުވެފައެވެ. އެއާއެކު އޭނާގެ ކެރެކްޓާ އަށް ދެން ވާނެ ގޮތް ބަލަން ކެތްމަދުވެފައިވާ ތިބި މީހުންވެސް އެހާ ގިނައެވެ.

އެންޖެލާ ބެސެޓް، ލެޓީޝާ ރައިޓް، ޓެނޯކް ހުއެރުތާ، ޑޮމިނީކް ތޯން އަދި ޑެނިއެލް ކަލޫޔާ މުހިއްމު ރޯލުތަކުން ފެނިގެންދާ މި ފިލްމުގެ ޓްރެއިލާ އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު ބްލެކް ޕެންތާގެ ރޯލު މިފަހަރު ކުޅޭނީ ކުރީ ފިލްމުގައި ބްލެކް ޕެންތާ ކުޅުނު ކެރެކްޓާގެ ކޮއްކޮ ޝޫރީ ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. ފިލްމުގެ ޓްރެއިލާ އިން ވަނީ ކުރީ ފިލްމުގައި ނުފެންނަ ކެރެކްޓާއެއް ފެނިގެން ގޮއްސައެވެ. އެއީ އަޔަންހާޓް އެވެ. މާވެލް އިން ބުނީ އަޔަންހާޓަށް އެކަނި އެމީހުން ފިލްމެއް ތައްޔާރު ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

ދެހާސް އަށާރަ ވަނަ އަހަރު ނުކުތް ފިލްމު "ބްލެކް ޕެންތާ" ވަނީ ގިނަ ރެކޯޑުތަކެއް މުގުރާލުމަށްފަހު ގިނަ އެވޯޑުތަކެއް ވެސް ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި އެމްޓީވީ އެވޯޑްސްގެ އެންމެ މޮޅު ފިލްމަކަށް ބްލެކް ޕެންތާވެގެން ދިޔައިރު ގޯލްޑަން ޓްރެއިލާ އެވޯޑްސްގައި އެ ފިލްމަށް ވަނީ ބެސްޓް އެކްޝަން، ބެސްޓް އެކްޝަން ޓީވީ ސްޕޮޓް، ބެސްޓް މިއުޒިކް ޓީވީ ސްޕޮޓްގެ އިތުރުން "ބެސްޓް ޝޯ"ގެ އެވޯޑު ލިބިފައެވެ.

މާވެލްއިން ފުރަތަމަ ފަހަރަށް އެމެރިކާގެ ކަޅު ނަސްލު ހިމެނޭ ގޮތަށް އުފެއްދި ފިލްމު "ބްލެކް ޕެންތާ"އަށް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު މި ފިލްމުގެ ޑައިރެކްޓަރަކީ ކުރީ ފިލްމުވެސް ޑައިރެކްޓްކުރި ރަޔަން ކޫލްގާ އެވެ. މި ފިލްމުގައި މުހިއްމު ރޯލުތައް ކުޅޭނީ ކަޅު ނަސްލުގެ އެކްޓަރުންނެވެ.