މިއަދު ފާހަގަ ކުރާ ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅުވާ އެސްޓީއޯއިން ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ މުދައްރިސުންނަށް ހާއްސަ ޑިސްކާއުންޓެއް ތައާރަފް ކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ، އެސްޓީއޯއިން ވިއްކާ ބައެއް ބާވަތްތަކުގެ މުދަލުން މުދައްރިސުންނަށް މިއަދުން ފެށިގެން ޑިސްކައުންޓް ލިބޭނެ ކަމަށެވެ. މި ޑިސްކައުންޓަކީ މުޅި ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް ލިބިގެންދާނެ ޑިސްކައުންޓެއް ކަމަށާއި މި ޑިސްކައުންޓް އަބަދުވެސް މުދައްރިސުންނަށް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

މިއީ އެސްޓީއޯއިން ރާއްޖޭގެ ސަރުކާރު އަދި ޕްރައިވެޓް ހުރިހާ ސްކޫލްތަކެއްގެ މުދައްރިސުންނަށް ދޭނެ ޑިސްކައުންޓެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ. އެސްޓީއޯއިން ބުނީ އެ ކުންފުނިން އަބަދުވެސް ގަބޫލު ކުރަނީ މުދައްރިސުންނަކީ ގައުމު ބިނާ ކުރުމުގައި ވަރަށް މަތިވެރި ދައުރެއް އަދާކުރާ ފަރާތްތަކެއް ކަމަށެވެ. އަދި އެސްޓީއޯއިން އަބަދުވެސް މުދައްރިސުންގެ އަގު ވަޒަންކުރުމަށް އިސްކަންދޭނެ ކަމަށެވެ.

މުދައްރިސުން ކުރާ ބިޔަ، ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށް އެ ކުންފުނިން ބުނެއެވެ. ނަމަވެސް މުދައްރިސުންގެ ދުވަހު އެސްޓީއޯގެ ފަރާތުން ދޭން ނިންމި މި ހަދިޔާ، ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް ކަމުދާނެ ކަމަށް އުންމީދު ކުރާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.