ދުބާއީ އިން ރާއްޖެ އައި ޕާކިސްތާނުގެ ރައްޔިތެއްގެ ލަގެޖުން ޖުމްލަ 10 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. މިއީ މޫނުމަތީ އަގުން 12 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މިތަކެތި އަތުލައިގަތީ އޮކްޓޯބަރު 1، 2022 ވަނަ ދުވަހު ދުބާއީ މަގުން ރާއްޖެ އައި ޕާކިސްތާން ރައްޔިތެއްގެ އަތުން ކަމަށެވެ.

އެއީ އުމުރުން 48 އަހަރުގެ ފިރިހެނެއް ކަމަށާއި، މަސްތުވާތަކެތި އޭނާ އެތެރެ ކުރީ ލަގެޖްގައި ކަމަށެވެ.

އަދި އެތަކެތި އޭނާގެ އަތުން އަތުލައި ޓެސްޓް ކުރި އިރު ހެރޮއިން އަށް ޕޮޒިޓިވް ވި ކަމަށާއި އެ ތަކެތި މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލު ކޮށްފައި ވާ ކަަމަށެވެ.

ކަސްޓަމުން އިތުރަށް ބުނީ، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 10 ކިލޯ ހުރި ކަމަށާއި ހެރޮއިންގެ މޫނުމަތީ އަގަށް ބާލާއިރު އެއީ 12 މިލިއަން ރުފިޔާ ކަމަށެވެ.

މި މައްސަލައިގައި ފުލުހުން އެއްޗެއް ބުނެފައި ނުވާ އިރު، މި ގޮތަށް ރާއްޖެ އެތެރެވާ ގިނަ އަދަދެއްގެ ބަޔަކު މަސްތުވާތަކެއްޗާ އެކު އަތުލައި ފުލުހާ ހަވާލު ކުރަމުން ދެއެވެ. ނަމަވެސް އެމީހުންނަށް ފަހުން އަޅާ ފިޔަވަޅެއް މުޅިން ސާފު ނުވާ އިރު އަތުލައި މަސްތުވާތަކެއްޗަށް ހަދާގޮތެއްވެސް މުޅިއަކުން ސާފެއް ނުވެއެވެ.

ނަމަވެސް ދޭތެރެ ދޭތެރެއިން ބިޔަރާއި އެނޫންވެސް މަސްތުވާ ބާވަތްތައް ފުލުހުން ދޫނިދޫގައި ނައްތާލައެވެ. އޭގެ ތެރޭގައި ޑްރަސްގްސް ވެސް ހިމެނެއެވެ.