މިއަދުގެ މަޖިލިހުގެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ލިއުމުން ދެއްވާފައިވާ ޖަވާބު އަނބޮއްފުޅާއި ދަނބޮއްފުޅުގެ ވާހަކަ އަށް ވެއްޖެ ކަމަށް ވިދާޅުވެ، އިމްރާނަށް ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.

ހދ. ނޭކުރެންދޫގައި ގާއިމްކުރުމަށް ސަރުކާރުން ވައުދުވެފައިވާ ޖަލުގެ މަސައްކަތާ ގުޅޭގޮތުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވައި އިމްރާން ވަނީ، އެ މަޝްރޫއުގެ ދަށުން މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލާއި، މަސައްކަތްތައް ލަސްވާ ގިނަ ސަބަބުތައް ހިމަނުއްވައި ބޮޑު ޖަވާބެއް ދެއްވައިފައެވެ.

މިނިސްޓަރުގެ ޖަވާބުގައި ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި:

  • ޖަލު ހެދުމަށް ލިބިފައިވަނީ 17.4 މިލިއަން ރުފިޔާގެ ބަޖެޓެއް
  • ކޮވިޑާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބަޖެޓު ކަނޑާލުމުން ލިބުނީ ދޮޅުލައްކަ ރުފިޔާ
  • އީއައިއޭ ހެދުމަށް 150،090ރ ހަރަދުވި

ޖަލުގެ މަސައްކަތް ކުރިއަށް ނުގެންދެވިގެން އުޅޭ މައިގަނޑު ސަބަބެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ، ކޮވިޑާ ހެދި ރާއްޖޭގެ އިގްތިސޯދަށް ކުރި އަސަރުތަކުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކެވެ. އަދި ސަރުކާރުގެ ބަޖެޓުގައި ހިމެނި ފައިސާގެ އަދަދު މަދުވުމެވެ. އެގޮތުން މި އަހަރު އެ މަޝްރޫއަށް ކަނޑައަޅާފައި އޮތީ 10 މިލިއަން ރުފިޔާ ކަމަށާއި، އަންނަ އަހަރު ވެސް ހިމަނާނީ އެ އަދަދު ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މި މަޝްރޫއު މި ދައުރުގެ ތެރޭގައި ކުރިއަށް ގޮސް ނިންމުމަށް އުންމީދުކޮށް އެ ޓާގެޓު ހާސިލްކުރުމަށް ގިނަ މަސައްކަތްތައް ކުރެވުނު ނަމަވެސް، މި ފައިސާއިން 2023 ވަނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެސްޓިމޭޓު ކުރެވެނީ ޖަލުގެ ވަށާފާރު އަދި ޖަލުގެ ކޮންސެޕްޓާއި ޖަލުގެ ތަފްސީލް ކުރެހުންތަކެވެ." އިމްރާންގެ ޖަވާބުގައިވެއެވެ.

އިމްރާން ވިދާޅުވި ގޮތުގައި، މި ދައުރުގެ ތެރޭގައި ޖަލު ހަދައި ނުނިމުނު ނަމަވެސް، ކުރިއަށް އޮތް ދައުރުގައި ޖަލު ހަދައި ނިންމާލެވޭނެއެވެ. އަދި އެނގިހުރެ އިތުރުފުޅު ހައްދަވާފައި ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ގިނަ ކަންކަމަކީ ރޯ ބުހުތާން ދޮގު،" ޖަވާބު އާންމު ކޮމިޓީ އަށް

އަމީން އާންމުގެ ނައިބު ޖަވާބު އިއްވައި ނިންމެވުމުން، ނަޝީދު ވަނީ އިމްރާންގެ ޖަވާބަށް ފާޑުވިދާޅުވެފައެވެ. ސަބަބެއްގެ ގޮތުގައި ނަޝީދު ފާހަގަކުރެއްވީ، މެންބަރު މުހައްމަދު ރާއީ ލިޔުމުން ޖަވާބެއް ހޯދުމަށް އިމްރާންގެ އަރިހުން އެދިވަޑައިގެންފައި ވަނީ ކުރު ސުވާލަކަށް ކަމަށްވާތީއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ތަނުގައި މި ހުރިހާ ތަފާސްހިސާބުން ކިޔުވަން ޖައްސުވާ އަދި އެ ކިޔާ ނިމުނުއިރު މިއީ އަނބޮއްފުޅާއި ދަނބޮޮއްފުޅުގެ ވާހަކަ އަށް ވެ ދިއުން... މި އޮތީ ސީދާ އެ ގޮތް ވެފަ." ނަޝީދު ވިދާޅުވިއެވެ.

އެއަށްފަހު، ނިޒާމީ ނުކުތާ އެއް ނަންގަވައި ރާއީ ވިދާޅުވި ގޮތުގައި، ހދ. ނޭކުރެންދޫ ކައުންސިލުން ދިޔައީ އެކަމުގައި މިނިސްޓްރީ އަށް އެއްބާރުލުން ދެމުންނެވެ. އެގޮތުން އެ ރަށުގެ ރައްޔިތުންނާ ކައުންސިލުން ބައްދަލުކޮށް ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޖަލު ހެދުމުގެ މަޝްރޫއުގެ ސަބަބުން، ނޭކުރެންދޫގެ ރައްޔިތުންނަށް ރުށްގަހުން ލިބެމުން ދިޔަ އާމްދަނީ މިހާރު ނުލިބޭ ކަމަށް ވެސް ވިދާޅުވިިއެވެ.

"ޖަވާބުގައި ދެއްވާފަ ހުރި ގިނަ ކަންކަމަކީ ހަމަ ރޯ ބުހުތާން ދޮގު."
މުހައްމަދު ރާއީ | މަކުނުދޫ ދާއިރާގެ މެންބަރު

އެ މައްސަލައިގައި ނިޒާމީ ނުކުތާ އެއް ނަންގަވައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވީ، މެންބަރު ރާއީގެ ސުވާލުގައި މިނިސްޓަރު އިތުރުފުޅު ހައްދަވާފައި ވާނެތޯ ސުވާލުކުރައްވާފައި ވާތީ އާއި، ޖަވާޞުގައި އެކި މުއައްސަސާތަކާ ގުޅުންހުރި ވާހަކަތައް ބަޔާންކޮށްފައި ވާތީ، އެކަން ބަލަން ޖެހޭނެ ކަމަށެވެ.

"އެހެންކަމަށް ވާނަމަ އަޅުގަނޑު ގަބޫލުކުރަނީ މި މަޖިލިހުން އަޅުގަނޑުމެން ކަށަވަރުކުރަން ޖެހޭ، ތީގަ ތިވަނީ ދޮގު މައުލޫމާތުތޯ، ނުވަތަ ތެދުތޯ." އާމިރު ވިދާޅުވިއެވެ.

އެހެންވެ، އިމްރާން ލިއުމުން ދެއްވި ޖަވާބު އާންމު ކޮމިޓީ އަށް ފޮނުވަން ނަޝީދު ވަނީ ނިންމަވައިފައެވެ.

ނޭކުރެންދޫގެ ޖަލުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް މިނިސްޓަރު މީގެ ދެ އަހަރު ކުރިން ވިދާޅުވިއެވެ. އެ މަޝްރޫއާ ގުޅިގެން މީގެ ކުރިންވެސް އެކި ފަހަރު މަތިން މަޖިލީހުގައި ވެސް އިމްރާނާ ސުވާލުކޮށްފައިވެއެވެ. އެ ދުވަހު ވެސް އެ ވައުދު ފުއްދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް، ނޭކުރެންދޫ ޖަލުގެ މަސައްކަތް އަދިވެސް ކުރިއަކަށް ނުދެއެވެ.