މުދައްރިސުންގެ އަމިއްލަ އެދުން ކުޑަ ބުރަ މަސައްކަތުގެ ސަބަބުން މުޅި ގައުމު މުދައްރިސުންނަށް ދަރަނި ވެރިވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރާ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވާ ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ވިދާޅުވީ، މުދައްރިސުން ދަރިވަރުންނަށް އުނގަންނައިދޭ ކަންކަމަކީ އުމުރު ދުވަހުވެސް ދަރިންގެ ކިބައިގައި އެކަން ހަރުލާފައި ހުންނަ ކަންކަން ކަމަށެވެ.

އަދި ދިރިއުޅުމުގެ މައިދާނަށް ދަރިން ތަރުބިއްޔަތުކުރުމުގައި ކުރާ މަސައްކަތަކީ ބުރަ އަދި އިހްލާސްތެރި މަސައްކަތެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ މުދައްރިސުންގެ އަމިއްލަ އެދުން ކުޑަ ބުރަ މަސައްކަތުގެ ސަބަބުން މުޅި ގައުމު މުދައްރިސުންނަށް ދަރަނި ވެރިވެފައިވާ ކަމަށެވެ.

މިއަދު ޓީޗަރުންގެ ދުވަސް ފާހަގަކުރަމުންދާއިރު މި ސަރުކާރުން ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

މިގޮތުން ސުކޫލު ޓީޗަރުންގެ ގޮތުގައި ތިބި 6815 މުވައްޒަފުންގެ ތެރެއިން ވަކި ވަކި ރޭންކުތަކުގެ ތެރެއިން ރޭންކު އެކެއްގެ ޓީޗަރުންގެ މުސާރައަށް 22 އިންސައްތައިގެ ބަދަލެއް، ރޭންކު 2 ގެ މުވައްޒަފުންނަށް 50 އިންސައްތައިގެ ބަދަލެއް އަދި ރޭންކު ތިނެއްގެ މުވައްޒަފުންނަށް 38 އިންސައްތައިގެ ބަދަލެއް ވަނީ އައިސްފައެވެ.

ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރައަށް އައި ކުރިއެރުންތައް:

ޓީޗަރުގެ މުސާރަ:

  • ރޭންކު 1 މުސާރަ 10،889 ރުފިޔާއިން 13،266 ރުފިއަށް (22 ޕަަަސެންޓްގެ ކުރިއެރުމެއް)
  • ރޭންކު 2 މުސާރަ 13،089 ރުފިޔާއިން 19،467 ރުފިޔާއަށް (50 ޕަަަސެންޓްގެ ކުރިއެރުމެއް)
  • ރޭންކު 3 މުސާރަ 15،135 ރުފިޔާއިން 20،895 ރުފިޔާއަށް ( 38 ޕަަަސެންޓްގެ ކުރިއެރުމެއް.

ޕްރިންސިޕަލުންގެ މުސާރަ:

  • ރޭންކް 1 : 16،000 ރުފިޔާއިން 30،000 ރުފިޔާއަށް (82 ޕަސެންޓްގެ ކުރިއެެރުމެއް)
  • ރޭންކް 2 : 20،000 ރުފިޔާއިން 33،000 ރުފިޔާއަށް (59 ޕަަަސެންޓްގެ ކުރިއެެރުމެއް)
  • ރޭންކް 3: 12،000 ރުފިޔާއިން އިން 20،000 ރުފިޔާއަށް (38 ޕަަަސެންޓްގެ ކުރިއެރުމެއް)

ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރަ:

  • ރޭންކް 1: 13،000 ރުފިޔާއިން އިން 23،000 ރުފިޔާއަށް (78 ޕަަަސެންޓްގެ ކުރިއެރުމެއް)
  • ރޭންކް 2: 21،00 ރުފިޔާއިން 26،000 ރުފިޔާއަށް (55 ޕަަަސެންޓްގެ ކުރިއެރުމެއް)

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް މުސާރައަށް ބޮޑުކޮށްފައިވާ ކަން އާންމުކޮށް އިއުލާންކުރައްވާފައިވަނީ މެއި މަހުގެ 1 ވަނަ ދުވަހުއެވެ.