ރަޝިއާއިން ޔޫކްރައިން އަށް އަރާ ހިފާ، އަމިއްލަ ކުރި ސަރަހައްދުތަކުގެ ތެރެއިން ކެރޮސަންގެ އަވަށްތަކެއް ޔޫކްރައިން އިން އަތުލައިފިއެވެ.

ރޭ އާންމު ކުރި ބައެއް ވީޑިއޯތަކުން ފެންނަ ގޮތުން، ޔޫކްރައިންގެ ދެކުނުން ކަޅުގަނޑަށް ވާ ގޮތަށް އޮންނަ ކެރޮސަން ސަރަހައްދުގެ ޑުޗާނީ އާއި ޑިނީޕާގެ ކޮންޓްރޯލް ޔޫކްރައިނުން އަތުލައި އެތަންތާނގައި ވަނީ ޔޫކްރައިންގެ ދިދަ ނަގާފައެވެ. އަދި ކާމީޔާބީގެ އުފާ ފާޅުކުރާ ވީޑިއޯވެސް ވަނީ ޔޫކްރައިން އިން އާންމުކޮށްފައެވެ.

ޔޫކަރައިނުން މިތަންތަން އަތުލި އިރު، ރަޝިއާއިން އާންމު ކުރި، ޗާޓުތަކުންވެސް އެ ސަރަހައްދުތަކުގެ ކޮންޓްރޯލް ރަޝިއާއަށް ގެއްލިފައި ވާކަމަށް ދައްކައެވެ. ރަޝިއާގެ ބާރުގެ ދަށުގައި ހުރި ތަންތަން ފެންނަ ގޮތަށް އާންމު ކުރި އެ ޗާޓުގައި ޑުޗާނީ އާއި ޑިނީޕާ ހިމަނާފައެއް ނުވެއެވެ.

އަދި ކާކީވްގެ އިރުއުތުރު ސަރަހައްދުތަކެއްގެ ކޮންޓްރޯލްވެސް ރަޝިއާއަށް މިހާރު ވަނީ ގެއްލިފައެވެ. އެ ސަރަހައްދުގެ އޮސްކިލް ރިވާގެ 20 ކީލޯމީޓަރުގެ ސަރަހައްދެއް ޔޫކްރައިން ސިފައިން ހިފާފައި ވާ އިރު، ހަނގުރާމަ ލެނބެމުން ދަނީ ޔޫކްރައިން ކޮޅަށް ކަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ޔޫކްރައިންގެ ކާމިޔާބީ ފާހަގަ ކުރައްވާ އެ ގައުމުގެ ރައީސް ވްލަޑިމިއާ ޒެލޮންސްކީ ވިދާޅުވީ، އިރުމައްޗާއި ދެކުނުން ރަޝިއާގެ ފައުޖުތައް ފައްސާލެވިއްޖެ ކަމަށާއި، ޔޫކްރައިން އިން ކުރިއަރާ ދަނީ ބާރު ސްޕީޑްގައި ކަމަށެވެ.

"ވަރަށް ގިނަ ސަރަހައްދުތައް މިނިވަން ކުރެއްވިއްޖެ، އޭގެ ތެރޭގައި ކެރޮސަން، ލުހާންސްކް، ކާކީވް އަދި ޑޮނެސްކް ގެ ސަރަހައްދުތައް ހިމެނޭ"
ޒެލޮންސްކީ

ޔޫކްރައިންގެ ޑެޕިއުޓީ މިނިސްޓާ ޔޫހަން އެނިން ވިދާޅުވީ، ކެރޮސަންގެ 50 އަވަށެއް އަތުލެވިއްޖެ ކަމަށާއި އިތުރު ތަންތަން އަތުލުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށެވެ.

ކެރޮސަން އަކީ، ރަޝިއާއިން ހިފާ، އެ ގައުމުގެ ަބއެއްގެ ގޮތުގައި ކަނޑައަޅާ އެތަނަށް ވެރިއަކު އައްޔަން ކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވާ ސަރަހައްދެކެވެ.

ހަނގުރާމައިގައި ޔޫކްރައިން އިން ކުރި ހޯދަމުން ދާ އިރު އިއްޔެ އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ޒެލެންސްކީ އާ ގުޅުއްވާ، އެމެރިކާގެ އެހީ އިތުރު ކުރައްވާނެ ކަމަށާއި، ހަނގުރާމައިގައި ބޭނުން ކުރުމަށް ހިމާސް ރޮކެޓް ލޯންޗަރާއި 625 މިލިއަން ޑޮލަރުގެ އެހީ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.