ވެކްސިނޭޝަން ސެންޓަރުތަކުން ތުއްތުކުދިންނަށް ދެވޭ ވެކްސިނޭޝަންގެ މައުލޫމާތުތައް އެއް ޑިޖިޓަލް ޕްލެޓްފޯމެއްގައި ރައްކާތެރިކޮށް އެކްސެސްވެ، ބެލެހެއްޓުމަށް މަގު ފަހި ކޮށްދޭ، އިލެކްޓްރޯނިކް އިމިއުނައިޒޭޝަން ރަޖިސްޓްރީ ލޯންޗްކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ، މި ރަޖިސްޓްރީ ލޯންޗްކޮށްދެއްވާފައި ވަނީ މިނިސްޓާ އޮފް ހެލްތު، އަހުމަދު ނަސީމް ކަމަށެވެ.
އެލެކްޓްރޯނިކް އިމިއުނައިޒޭޝަން ރަޖިސްޓްރީ އަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ޔުނިސެފްގެ އެހީ އާއެކު، ރާއްޖޭގެ ހުރިހާ ވެކްސިނޭޝަން ސެންޓަރުތަކުން ތުއްތުކުދިންނަށް ދެވޭ ވެކްސިނޭޝަންގެ މައުލޫމާތުތައް އެއް ޑިޖިޓަލް ޕްލެޓްފޯމެއްގައި ރައްކާތެރިކޮށް އެކްސެސްވެ، ބެލެހެއްޓުމަށް މަގު ފަހި ކޮށްދޭނެ ނިޒާމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ މިއީ، ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެކްސިނާއި އެހެނިހެން ސިއްހީ ކަންކަމާގުޅޭ ތަފާސްހިސާބުތައް ބެލެހެއްޓުމަށް ބޭނުންކުރާ DHIS2 ޕްލެޓްފޯމްގެ ބައެއްގެ ގޮތުގައި ތައާރަފްކުރި ޑިޖިޓަލް ރެޖސިްޓްރީއެއް ކަމަށެވެ.
މި ރެޖިސްޓްރީ މެދުވެރިކޮށް ތުއްތުކުދިންގެ ވެކްސިނޭޝަންގެ މައުލޫމާތު ޓްރެކް ކުރެވި، އެކި ސެންޓަރު ތަކުން ކުއްޖާއަށް ދެވޭ ވެކްސިންގެ މައުލޫމާތު، އެއް ރެކޯޑަކުން ފެނިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
މިގޮތުން ކުއްޖާ ވިހާއިރު ދެވޭ ވެކްސިނުން ފެށިގެން ދެވޭ ހުރިހާ ވެކްސިންތަކުގެ މައުލޫމާތު އެއްތަނަކުން ފެންނަން ހުންނާނެ ކަމަށާއި މީގެ ސަބަބުން، ވެކްސިނޭޝަން ސެންޓަރުތަކުން ކުއްޖަކަށް ކުރިން ދީފައިވާ ވެކްސިނޭޝަންތައް ވެރިފައި ކުރުމަށް މިހާރު ދިމާވަމުންދާ ގޮންޖެހުން ތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ، ގައުމީ އިމުނައިޒޭޝަން ޕްރޮގްރާމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އިތުރަށް ފަސޭހަވެ، ރާއްޖޭގެ ވެކްސިން ކަވަރޭޖް ނުވަތަ ވެކްސިން ފުރިހަމަކޮށްފައިވާ ކުދިންގެ ނިސްބަތް ވަގުތުން ވަގުތަށް ދެނެގަތުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
އަދި މީގެ އިތުރުން، ރާއްޖޭގެ ހުރަހާ ކުދިން ގަވާއިދުން ވެކްސިންތައް ފުރިހަމަ ކުރޭތޯ ޔަޤީންކުރުމަށް ކުރާ މަސައްކަތްތަކަށް މި ރެޖިސްޓްރީ މެދުވެރިކޮށް ލިބޭ މައުލޫމާތުތައް ބޭނުންކުރެވިގެން ދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ، ގައުމީ ވެކްސިން ޕްރޮގްރާމްގެ ލަނޑުދަނޑިއަކީ، ވެކްސިން ޖަހައިގެން ރައްކާތެރިކުރެވޭ ނުރައްކާތެރި ގައިންގަޔަށް އަރާ ބަލިތަކުން ކުދިން ރައްކާތެރިކުރުމަށް، ފެންވަރު ރަނގަޅު ވެކްސިން، އެ ވެކްސިންޖަހަންޖެހޭ ވަގުތުގައި ފޯރުކޮށްދިނުން ކަމަށެވެ.