ޕީއެސްއެމްގެ އައްޑޫ މީޑިއާ ސެންޓަރު ފަޅާލައި އެތަނުން ވައްކަން ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ޕީއެސްއެމްގެ އައްޑޫ މީޑިއާ ސެންޓަރު ފަޅާލައި ވައްކަން ކޮށްފައި ވަނީ މިދިތަ ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ވައްކަން ކުރަން ވަން މީހާ އެތަނުގެ ސީސީޓީވީ ކެމެރާތަކަށް ވަނީ އަރާފައެވެ.

އެމައްސަލާގައި އިއްޔެގެ ވަގުތެއްގައި ވައްކަމުގެ ތުހުމަތު ކުރެވޭ 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޕީއެސްއެމްގެ އައްޑޫ މީޑިއާ ސެންޓަރު ވަގަށް ނަގާފައި ވަނީ، ލެޕްޓޮޕަކާއި، ޕްރިންޓަރަކާއި، ޓީވީއެއް އަދި ބޭނުން ނުކޮށް ހުރި އާ އޭސީއެކެވެ.

މި ފަހަކަށް އައިސް އައްޑޫގައި ވައްކަމުގެ މައްސަލަތައް ގިނަ ވަމުން އަންނަ ކަން ވަނީ ފާޙަގަ ކުރެވިފައެވެ. އެ ގޮތުން ދުވާލުގެ ވަގުތުތަކުގައި ވެސް ވައްކަން ކުރާ ކަން ވަނީ ފާޙަގަ ކުރެވިފައެވެ. މި ފަދަ މައްސަލަތައް އިތުރުވަމުން އަންނާތީ ފުލުހުން ވަނީ އާންމުން ހޭލުންތެރިކުރުވުމަށް ވެސް ހަރަކާތްތަކެއް ބާއްވާފައެވެ.