މިދިޔަ ޖޫން މަހުގެ 21 ގައި ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، ޝައިޚް ފަޒްލޫން ބިން މުހައްމަދާއި ޝައިޚް އާދަމް ނިޝާން، އަދި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ހިމެނޭހެން 18 މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

ޔޯގާ ހަރަކާތް ހިނގަމުން ދަނިކޮށް ބަޔަކު ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި އެންމެން ދޫކޮށްލި ނަމަވެސް، އެ މައްސަލައިގައި 19 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އިއްޔެ ވަނީ ފޮނުވާފައެވެ.

އެގޮތުން، ނިޝާނާއި ފަޒްލޫންގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ހިތްވަރު ދިނުމުގެ ދައުވާ ވަނީ ކޮށްފައެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ، ނިޝާނާއި ފަޒްލޫނަށް 10-15 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އޭގެ އިތުރުން، ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ އިތުރު ހަތް މީހަކަށް ކުރިއިރު، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވިކަމުގެ ދައުވާ، މުހައްމަދު އިސްމާއީލްގެ އިތުރުން ހަ މީހަކަށް ވަނީ ކޮށްފައެވެ.

އަދި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާ އެކަކުގެ މައްޗަށް، ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދައުވާ އެއް ތިން މީހެއްގެ މައްޗަށް، އަދި ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ދައުވާ އެއް 15 މީހެއްގެ މައްޗަށް ވަނީ ކޮށްފައެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ ލިބޭ މީހުން (އަދަބު: 20-25 އަހަރަށް ޖަލަށް ލުން):

  • މުހައްމަދު ޒިލިއަން / މއ. ކަނުހުރާ
  • އަބްދުﷲ ރިފާއު / ނަރުގިސްވިލާ، ތ. ތިމަރަފުށި
  • އަބޫބަކުރު ފާރިއު / ކާނޭޝަންމާގެ، ނ. މިލަދޫ
  • އަހްމަދު އަކްސަމް / އަލަމާގެ، ރ. ކަނދޮޅުދޫ
  • އަހްމަދު ނަސޫހް / އަސްރަފީވިލާ، ގއ. މާމެންދޫ
  • ހަސަން ޝިފާޒް / މ. ކުދެހިގެ
  • ޝަބިމް އާދަމް / އާބާދީގުލްޝަން، ފ. ދަރަނބޫދޫ

ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވިކަމުގެ ދައުވާ ލިބޭ މީހުން (އަދަބު: 17-20 އަހަރަށް ޖަލަށް ލުން):

  • މުހައްމަދު އިސްމާއީލް / ޔާގޫތު، ހއ. ހޯރަފުށި
  • އަބްދުﷲ ނިޔާޒް / ގ. ފީނިކްސް
  • އަލީ މުހައްމަދު / އަލީއާބާދު، ތ. ތިމަރަފުށި
  • އިބްރާހީމް ޒިހާން / މިލާނޯ، ނ. ވެލިދޫ
  • މުހައްމަދު ޝާން / އަންނާރުމާގެ، ލ. މުންޑޫ
  • ހުސައިން އަލީ / ބާބޫގެ، ކުޅުދުއްފުށި ސިޓީ
  • އަހްމަދު އަލީ / މ. ފަޅުމަތީގެ

ޔޯގާ ދުވަހު ހަމަނުޖެހުން ހިންގި މައްސަލައިގައި ނިޝާނާއި ފަޒްލޫންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވަނީ ބާތިލްކޮށްފައެވެ.