ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބާތާ ދިމާކޮށް، ޑައިވް މޯލްޑިވްސްއިން ކުރިއަށް ގެންދިޔަ "ނޭވާ 2" ޑައިވިންގެ ދުނިޔޭގެ އެންމެ ބޮޑު ރެކޯޑް ރާއްޖެއިން ހަދާފައިވާ އިރު އެ އިވެންޓްގައި ސްޓެލްކޯގެ މުވައްޒަފުން ބައިވެރިވެ ނަމޫނާ ދައްކާފައިވާ ކަން އެ ކުންފުނިން ފާހަގަ ކޮށްފިއެވެ.

އެންމެ ގިނަ ބަޔަކު އެއް ފަހަރާ އެންމެ ގިނަ ވަގުތެއްގައި މޫދުގެ އަޑީގައި އޮތުމުގެ ރެކޯޑް މިއަދު ހަދާފައިވާ އިރު އެ އިވެންޓްގައި 400 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. މި ރެކޯޑްގެ ގްރޭންޑް އިވެންޓް ކުރިއަށް ގެންގޮސްފައި ވަނީ ކްރޮސްރޯޑްގައެވެ. ކްރޮސްރޯޑްގައި 140 އަށް ވުރެ ގިނަ މީހުން ވަނީ މި އިވެންޓްގައި ބައިވެރި ވެފައެވެ.

ސްޓެލްކޯއިން ބުނީ، ޑައިވިންގެ ދުނިޔޭގެ އެންމެ ބޮޑު ރެކޯޑް ރާއްޖެ އިން ހެދުމަށްޓަކައި "ނޭވާ 2"ގެ ނަމުގައި ބޭއްވި ތާރީހީ އިވެންޓުގައި އެ ކުންފުނީގެ މުވައްޒަފުން ވަނީ ބައިވެރިވެފައި ކަމަށެވެ. އެ ކުންފުންޏާއި، ކުންފުނީގެ މުވައްޒަފުންނަކީ ގައުމީ މިފަދަ ކަންކަމުގައި އަބަދުވެސް އެއްބާރުލުންދީ، ނަމޫނާ ދައްކަމުންދާ ބައެއް ގޮތުގައި ސްޓެލްކޯއިން ފާހަގަ ކުރެއެވެ.

މި ހަރަކާތުގައި ބައިވެރިވެ، ދުނިޔޭގެ ރެކޯޑް ފޮތުން އަނެއްކާ ވެސް ރާއްޖެއަށް ޖާގައެއް ހޯދައި ދިނުމަށްޓަކައި މަސައްކަތްކޮށް ދިން އެންމެހާ ފަރާތްތަކަށް ސްޓެލްކޯއިން ވަނީ މަރުހަބާ ކިޔާފައެވެ.

އިއްޔެ އެ ރިސޯޓްގައި ކުރިއަށް ގެންދިޔަ އިވެންޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި އިވެންޓަގައި ބައިވެރިވި ހުރިހާ މީހުން ވެސް ވަނީ 2 މިނެޓް ވަންދެން މޫދު އަޑީގައި ނޭވާ ހިފަހައްޓާފައެވެ. މިއީ މި ރެކޯޑް ދުނިޔޭގައި ހެދި ފުރަތަމަ ފަހަރެވެ.