ރާއްޖޭގެ ސާނަވީ ތައުލީމުގެ ނިޒާމާއި ސްކޫލްތައް އަދި އުނގަންނައި ދިނުމުގެ ނަތީޖާގެ ފެންވަރު ރަނގަޅު ކުރުމަށް ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން 9 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށަން ނިންމައިފިއެވެ.
މޯލްޑިވްސް އެޓޯލް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ނަމުގައި ހިންގުމަށް ނިންމާފައިވާ މި ޕްރޮޖެކްޓް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުންނެވެ. މި މަޝްރޫއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 10 މިލިއަން ޑޮލަރު ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.
އޭގެ ތެރޭގައި ހިމެނެނީ، ތަރައްގީވަމުން އަންނަ ގައުމްތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވާލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ 4.5 މިލިއަން ޑޮލަރުގެ ލޯނާއި 4.5 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އިތުރުން، ދިވެހި ސަރުކާރުން ހަރަދުކުރުމަށް ނިންމާފައިވާ 1 މިލިއަން ޑޮލަރު ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.
ވޯލްޑް ބޭންކުން ރާއްޖެ އާއި ސްރީލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ހާއްސަކޮށް އަސާސީ ތައުލީމު އަދި ސާނަވީ ތައުލީމު ފޯރުކޮށްދޭ ސްކޫލުތައް ދިގު މުއްދަތަކަށް ބަންދުކުރަން ޖެހުމާ ގުޅިގެން ރާއްޖޭގެ އާންމު ތައުލީމީ ނިޒާމަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ވޯލްޑުބޭންކުން އެހީ ދޭ މި މަޝްރޫއުގެ ސަބަބުން ޒުވާނުންނަށް ތައުލީމީ ފުރުސަތުތައް ފުޅާވެ، ހަމަހަމަ ގޮތެއްގައި ގައުމުގެ އިގްތިސޯދީ އަދި އިންސާނީ ތަރައްގީ ކުރިއަރައިގެން ދާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.
އަލަށް މި ފަށާ މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން، އިނގިރޭސި ބަސް، ހިސާބު، ސައިންސް، އަދި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތައް ފަދަ އިގްތިސޯދީ ކުރިއެރުމަށް ކޮންމެހެން މުހިންމު މާއްދާތަކުން ސާނަވީ ތައުލީމުގެ ފެންވަރު މަތިކުރުމަށް ސަރުކާރަށް އެހީތެރި ވެދޭނެއެވެ. ހަމައެއާއެކު ހަކަތަ އިގްތިސޯދު ކުރުމާއި ކުނި މަދުކުރުން ފަދަ ތިމާވެއްޓާ ރައްޓެހި ކަންކަން ތަންފީޒު ކުރުމަށް ސްކޫލްތަކަށް ބާރު އެޅުމަށް ވެސް މި ޕްރޮޖެކްޓް އެހީވާނެއެވެ.
އަތޮޅު ސްކޫލްތަކަށް އައިސީޓީ އާލާތްތަކާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ފުޅާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާ އެކު، އުނގެނުމުގައި ގޮންޖެހުންތައް ކުރިމަތިވާ ދަރިވަރުންގެ ބޭނުންތައް ފުއްދުމަށް މުދައްރިސުންގެ ހުނަރު ވެސް މިހާރަށް ވުރެ ހަރުދަނާކުރެވިގެން ދާނެއެވެ. އަދި ހާއްސަ ޕްރޮގްރާމްތައް ހިންގައިގެން ސްކޫލް ޕްރިންސިޕަލުންނާއި މެނޭޖްމަންޓް އޮފިޝަލުންނާއި ޓީޗަރުންގެ ހުނަރު ވެސް ރަނގަޅުކުރެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.
ރާއްޖެއިން ޅަފަތުގެ ތައުލީމާއި އަސާސީ ތައުލީމާ އަދި ފަށާ ސާނަވީ ތައުލީމު އެންމެންނަށް ފޯރުކޮށް ދީފައި ވީ ނަމަވެސް، މަތީ ސާނަވީ ތައުލީމު ހާސިލު ކުރާ މިންވަރާ އަދި އެ ލެވެލްގައި ދެ ޖިންސުގެ ދެމެދު އޮތް ފަރަގު ބޮޑުވުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް އެ ބޭންކުން ބުނެއެވެ. އުނގެނުމުގެ ނަތީޖާ މެދު މިންވަރެއްގައި ހުރި އިރު، އަތޮޅުތަކުގެ މެދުގައި އަދި އަތޮޅުތަކުގެ ރަށްތަކުގެ މެދުގައި ވެސް ތަފާތުތަކެއް އެބަހުރި ކަމަށް އެ ބޭންކުން ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން ގްރޭޑް 4 އަދި ގްރޭޑް 7 ގެ ދަރިވަރުން އިނގިރޭސި، ހިސާބު އަދި ދިވެހި މާއްދާއިން ހޯދާ ނަތީޖާ ހުރީ އެވްރެޖުކޮށް 50 އާއި 60 ޕަސެންޓާ ދެމެދުގެ މިންވަރެއްގައި ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.
ވާލްޑް ބޭންކުގެ ލީޑް އިކޮނޮމިސްޓް އަދި ޓާސްކް ޓީމް ލީޑަރު ހަރްޝާ އަތުރުޕާން ވިދާޅުވީ، ދިވެހި ސަރުކާރުން އަންނަނީ ތައުލީމީ މުގައްރަރު އިސްލާހު ކުރުމަށް ވަށާޖެހޭ ސިޔާސަތުތަކެއް ތަންފީޒުކުރަމުން ކަމަށެވެ. ހަަމއެއާއެކު ރާއްޖޭގެ އަތޮޅުތަކާއި ރަށްރަށުގައި ހަމަހަމަކަމާ އެކު އުނގެނުމުގެ ނަތީޖާ ރަނގަޅުކުރުމަށް އިސްކަންދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.