ދުވަސްތައް ފާހަގަކުރުމުގައި ބެލެނިވެރިން މެދުވެރިކޮށް އެހީގެ ގޮތުގައި ފައިސާ ހޯދާ ބެލެނިވެރިންލައްވާ ބޮޑެތި ހޭދަތައް ކުރުވުމަކީ މިނިސްޓްރީއިން އެއްވެސް ވަރަކަށް ތަރުހީބުދޭ ކަމެއް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ސޮއި ކުރައްވާ ސްކޫލްތަކުގެ އިސްވެރިންނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އެކަންކަން އެގޮތަށް ކުރުމުގެ ސަބަބުން ބެލެނިވެރިންގެ ފަރާތުން ޝަކުވާ ލިބެމުންދާ ކަމަށެވެ.
ސުކޫލުގައި ރާވާ ހިންގޭ ކޮންމެ ހަރަކާތަކީ އެކަމުގެ ސީދާ މަންފާ ދަރިވަރުންނަށް ކުރާ ގޮތަށް ހިނގާ ހަރަކާތްތަކަށް ހެދުމަށާއި ބެލެނިވެރިން ދަރިވަރުންނަށްޓަކާ ކުރާ ކޮންމެ ހޭދައަކީ އެކަމުގެ ސީދާ އަސަރު ދަރިވަރުންނަށް ކުރާ ކަމަކަށް ހެދުމަށް މިނިސްޓްރީއިން އަބަދުވެސް ބާރުއަޅާ ކަމަށައި ހޭދަތައް ކުރުމުގައި އިގްތިސޯދުކުރުމަށް ދަރިވަރުންނާއި ބެލެނިވެރިންނަށް ބާރުއަޅާ ހިތްވަރުދޭންޖެހޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ މުޅި ދުނިޔެ އިގްތިސޯދީ ބަނަ ވިލާގަނޑެއްގެ ތެރޭގައި އޮތް މިފަދަ ދުވަސްވަރެއްގައި ހަރަދު ކުޑަކުރުމާއި އިސްރާފުކުރުން މަދުކުރުމަށް ދަރިވަރުންނަށް ދަސްކޮށްދީ އެކަމަށް ހުރިހާ ފަރާތްތަކަށް ހިތްވަރު ދިނުމުގައި ތައުލީމީ ނިޒާމުގެ ތެރެއިން ނަމޫނާ ދެއްކިދާނެ ކަމަށެވެ. އެހެންކަމުން ދުވަސްތައް ފާހަގަކުރުމަށް އަގުބޮޑު ހަދިޔާތައް ބަދަލުކުރުމާއި އެކިއެކި ހަފުލާތައް ބޭއްވުމަށް ބޮޑެތި ހޭދަތައް ނުކުރުމަށް މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.
މިގޮތަށް ކުރެވޭ ކަންކަމުގެ ސަބަބުން އެއް ކުލާހެއްގައި ކިޔަވާ ދަރިވަރުންގެ މެދުގައި އަޅާކިޔުމާއި ސުކޫލުތަކުން ކުރާ މިފަދަ ކަންކަމުގެ ސަބަބުން ސުކޫލުތައް އަޅާކިޔުމަށް މަގުފަހިވެ، ސުކޫލުތެރޭގައި ދަރިވަރުން ދަރަޖަ ކުރެވި ލޭބަލުކުރުމަށް މަގުފަހިވުމާއި މުޖުތަމައުގެ ތެރޭގައި ތައުލީމީ ނިޒާމާ ދޭތެރޭ ދެކެވޭ ގޮތް ބަދަލުވެ ނުރަނގަޅު ތަސައްވުރެއް އުފެދުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ސިޓީގައި މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.