ރާއްޖޭގެ ހަތަރު ރަށެއްގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އެ ބައި އިލެކްޝަންތަކަކީ ށ. މާއުނގޫދޫ ކައުންސިލަށް މެމްބަރަކު އިންތިހާބު ކުރުމާއި ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ކަމަށެވެ.

އެ ބައި އިލެކްޝަންތަކުގެ ވޯޓުލުން މިއަދު ހެނދުނު 8 ޖަހާއިރު ފަށާފައިވާއިރު 4 ޖެހުމާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

އިލެކްޝަން ކޮމިޝަނުން އެންމެ ފަހުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު 3814 މީހަކަށް އެ 4 ރަށުގެ ބައި އިލެކްޝަނުގައި ވޯޓުލުމަށް ޝަރުތު ހަމަވާއިރު މިހާތަނަށް 234 މީހަކު ވަނީ ވޯޓު ލާފައެވެ.

މީގެ އިތުރުން މި މަހުގެ 22 ވަނަ ދުވަހު ވ. ތިނަދޫ، ވ.ފެލިދޫ އަދި ހއ.ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ވެސް ބޭއްވުމަށް އީސީއިން ވަނީ ނިންމައިފައެވެ.