ގައިގައި ބޮން ހަރުކޮށްގެން ހުރި މީހަކު އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ޓިއުޝަން ސެންޓަރަކަށް ވަދެ އަމިއްލައަށް ޖާނު ގޮއްވާލައިގެން 19 މީހަކު މަރާލައިފިއެވެ.

އިތުރު 30 މީހަކު ޒަހަމްވި މިހާދިސާ ހިނގާފައި ވަނީ ކާބުލްގެ ހުޅަނގު ސިޓީއެއް ކަމަށްވާ ދަޝްތޭ ބަރުޗީގައެވެ.

މިހާދިސާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައި ނުވާ އިރު ޖާނުންފިދާވި މީހާ އެކަން ކުރީ، ޔުނިވާސިޓީ އެގްޒާމަށް ތައްޔާރު ވުމުގެ ގޮތުން ދަރިވަރުން ޓެސްޓް އެކްޒާމެއް (އިމްތިހާނެއް) ހަދަން ތިއްބައެވެ.

މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެން ދަރިވަރުން ކަމަށާއި އެ ހާދިސާ ހިނގި ސަރަހައްދަކީ، އަބަދުވެސް އައިސިސްގެ ހަމަލާތައް އަމާޒުވާ ބައިމަދު ހަޒަރާސް ދަރިކޮޅުގެ މީހުން ކަމަށް ހަބަރު ލިބެއެވެ.

ހަމަލާއާ ގުޅޭ ބައެއް މަންޒަރުތައް ސޯޝަލްމީޑިއާ އާއި ކާބުލްގެ ޓީވީން ދެއްކި އިރު، ހަމަލާ ދިން ޓިއުޝަން ސެންޓަރު ފުނޑުފުނޑު ވުމުގެ އިތުރުން ގޮނޑި މޭޒުތައްވެސް ހުރީ އެފުށް މިފުށަށް ޖެހިފައެވެ. އަދި އެ ސެންޓަރާ ކައިރި ހޮސްޕިޓަލުގެ މަންޒަރުތައް ދެއްކި އިރު، ތަޅުން މައްޗާއި އެތަން މިތަނުގައި އޮތީ މީހުންނެވެ.

އޭއެފްޕީ އާ ވާހަކަ ދެއްކި ދަރިވަރަކު ބުނެފައި ވާ ގޮތުން، ޖާނުންފިދާވި މީހާ ކްލާސްރޫމަށް ވަން އިރު އެތާނގައި ގާތްގަނޑަކަށް 600 އެއްހާ ދަރިވަރުން ތިއްބެއެވެ. އަދި ކުރީ ބަރީގައި ތިބީ ގިނައިން އަންހެން ދަރިވަރުން ކަމަށާއި ޖާނުންފިދާވި މީހާ، ޖާނު ގޮއްވާލީ ކުރީ ސަފާ ކައިރީގައި ހުރެ ކަމަށެވެ.

ހަމަލާ ދިން ކާޖް ޓިއުޝަން ސެންޓަރަކީ، ދެ ޖީންސުގެ ކުދިން ކިޔަވާ ސެންޓަރެކެވެ. ތޯލިބާނުން އަފްގާނިސްތާނުގެ ވެރިކަމާ ހަވާލުވެ، އަޅަމުންދިޔަ ހަރުކަށި ފިޔަވަޅުތަކާ އެކު އަންހެން ދަރިވަރުންނަށް ހާއްސަ ގިނަ ސްކޫލުތަކެއް ވަނީ ބަންދު ކޮށްފައެވެ. ނަމަވެސް ބައެއް އަމިއްލަ ސްކޫލް، މަދަރުސާގައި ކިޔެވުން ކުރިއަށް ދެއެވެ.

އަފްގާނިސްތާނުގައި އޮންނަ ހަޒާރަސް އަކީ އިސްލާމިކް ސްޓޭޓާއި ތޯލިބާނުންނާ ހިލާފަށް ޝީއީ މަޒުހަބުގެ ބައެކެވެ. އިސްލާމިކް ސްޓޭޓާއި ތޯލިބާނުން ނިސްބަތް ވަނީ ސުންނީ މަޒުހަބަށެވެ.

މި ހަމަލާ، އެމެރިކާ އާއި އދ އިން ވެސް ކުށްވެރިކޮށްފައި ވާއިރު، ތާލިބާނުގެ ތަރުޖަމާނު ވިދާޅުވީ އާންމުންނަށް އަމާޒުކޮށް އެފަދަ ހަމަލާއެއް ދިނުމުން ދޭހަކޮށްދެނީ އެ މީހާގެ އިންސާނިއްޔަތުކަމެއް ވެސް ނެތްކަން ކަމަށާއި އެއީ އެއްވެސް އަގީދާއެއްވެސް ނެތް މީހެއް ކަން ދޭހަވާ ކަމަށެވެ. އަދި އެ ހަމަލާ ކުށްވެރި ކުރައްވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.