ޔޫކްރައިން އަށް އަރާ ރަޝިއާއިން ފެށި ހަނގުރާމައިގައި ގަދަބާރުން އަތުލި 4 ސަރަހައްދަކީ، ރަޝިއާގެ ބައެއް ކަމަށް ކަނޑައަޅާ ރަސްމީކޮށް އެކަން އިއުލާން ކޮށްފިއެވެ.
ރަޝިއާގެ ރެޑް ސްކެއާގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަން އިއުލާން ކޮށްދެއްވީ ރަޝިއާގެ ރައީސް ވްލްޑިމިއާ ޕުޓިން އެވެ. އެ ސަރަހައްދުތައް އިއުލާން ކުރެއްވުމަށް ފަހު ޕުޓިން ވިދާޅުވީ، އެ 4 ސަރަހައްދުގެ ސަމާލަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި އެއީ ކުރީގެ ސޯވިއެޓް ގެ ގައުމުތައް އެއްކޮށްލައްވަން ކުރައްވާ މަސައްކަތެއް ނޫން ކަމަށެވެ.
މިއަދު ރަޝިއާގެ ބައެއްގެ ގޮތުގައި ކަނޑައެޅި 4 ސަރަހައްދަކީ، ޑޮނެސްކް، ލުހާންސްކް، ކެރޮސަން އަދި ޒެޕޮރީޒިއާ އެވެ.
އެ 4 ސަރަހައްދު ރަޝިއާއާ ރަސްމީކޮށް ގުޅުނުކަން އިއުލާން ކުރި ރަސްމިއްޔާތުގައި އެ 4 ސަރަހައްދަށް ކަނޑައަޅާފައި ތިބި ވެރިން، އެއްބަސްވުމުގައި ސޮއި ކުރުމުން އަތް ޖަހާ އުފާފާޅުކުރާ މަންޒަރު ޓީވީ ތަކުން މުޅި ދުނިޔެ ބަލަމުން ދިޔައެވެ.
ހުލަނގުގެ ގައުމުތަކުގެ ވެރިން، ނުރުހުން ފާޅުކުރައްވައި، ރަޝިއާގެ އަމަލުތައް ކުށްވެރި ކުރައްވާ، ރަޝިއާގެ ނިންމުން ބަލައި ނުގަންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ނެދަލޭންސްގެ ބޮޑުވަޒީރު ވިދާޅުވީ، ރަޝިއާއިން 2014ގައި އަތްދަށުލީ ކްރިމިއާވެސް ގަބޫލު ނުކުރާ ފަދައިން، މިއަދު އިއުލާން ކުރި 4 ސަރަހައްދަކީވެސް ރަޝިއާގެ ތަންތަނުގެ ގޮތުގައި ގަބޫލު ނުކުރައްވާނެ ކަމަށެވެ.
ޕޮލޭންޑާއި ގްރީސް އިން ބުނީ، ރަޝިއާއިން ނިންމި ނިންމުން، ބައިނަލްއަގުވާމީ ގާނޫނުތަކާވެސް ހިލާފު ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އިޓަލީން ބުނީ، ރަޝިއާގެ ނިންމުމުގައި ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށާއި ޕުޓިން މަސައްކަތް ކުރައްވަނީ، ކުރީގެ ހަރުކަށި ސޯވިއެޓް ޔޫނިއަންގެ ސިފަތައް ގެނެސް އޫރަޕަށް ނުރައްކާ ކުރަން ކަމަށެވެ.
އީޔޫގެ 27 ގައުމެއްގެ ވެރިން ރަޝިއާގެ އަމަލު ކުށްވެރި ކުރައްވާފައި ވާއިރު، އީޔޫގެ މިދައުރުގެ ރައީސް އުރުސުލާ ވޮން ޑަ ލިޔެން ވިދާޅުވީ، ރަޝިއާއިން ގަދަކަމުން އަތްދަށުލި ހުރިހާ ބިންތަކަކީ ޔޫކްރައިންގެ ބިންތައް ކަމަށާއި އެކަން ދެމިއޮންނާނީވެސް އެގޮތުގައި ކަމަށެވެ.
މިއަދު އޮތް މި ރަސްމިއްޔާތުގައި ހުޅަނގަށް ފާޑުވިދާޅުވަމުން ޕުޓިން ވިދާޅުވީ، އެ 4 ސަރަހައްދުގެ ރައްޔިތުންނަކީ ދާއިމަށް، މީގެ ފަހުން ރަޝިއާގެ ރައްޔިތުން ކަމަށާއި އެ 4 ސަރަހައްދުން ރަޝިއާ އާ ގުޅުނީ އެމިއްލަ އިހުތިޔާރުގައި ކަމަށެވެ.
ޕުޓިން އެހެން ވިދާޅުވި އިރު، އެ 4 ސަރަހައްދުން ރަޝިއާ އާ ގުޅެން ބޭނުންތޯ ބަލަން ނެގި ފެންނަ ނުފެންނަ ވޯޓު ކުރިއަށް ގެންގޮސްފައި ވަނީ ހަތިޔާރު އެޅި ސިފައިން ވޯޓު ފޮއްޓާއެކު ދޮރުން ދޮރަށް ހިނގާ މަޖުބޫރު ކޮށްގެން ކަމަށް މުރާސިލުން ބުނެއެވެ.