ރަޝިއާއިން ޔޫކްރައިން އަށް އަރާ ހަމަލާ ދޭތާ 7 މަސް ފާއިތުވެފައި ވާއިރު، ރަޝިއާއަށް ލިބޭ ނާކާމިޔާބީ ފޫބައްދަން ޕަރަމިލިޓަރީ ނެރެން ފެށުމާއެކު އެތައް ބަޔަކު ގައުމު ދޫކޮށް ދާން ފަށައިފިއެވެ.

ޕެރަމިލިޓަރީ އަކީ ކުރިން ކޮންމެވެސް ވަރެއްގެ އަސްކަރީ ތަމްރީނެއް ލިބިފައި އެހެނަސް މިހާރު އާންމުންގެ ގޮތުގައި ތިބޭ މީހުންނެވެ.

ރަޝިއާގެ އަސްކަރީ ފައުޖުތަކަށް އެހީވުމަށާއި، ރަޝިއާއިން ހިފާފައިވާ ޔޫކްރައިންގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވުމަށް ޕެރަމިލިޓަރީ ނެރެން ރައީސް ވްލަޑިމިއާ ޕުޓިން ކުރެއްވި އަމުރާއެކު، އެތައް ބަޔަކު ގައުމު ދޫކޮށް ދާން ފަށާފައި ވާއިރު ޖޯޖިއާ ބޮޑަރުގައި ދިގު ކިޔޫތައް އޮތް ކަމަށް ހަބަރުތައް ބުނެއެވެ. އަދި މިހާތަނަށް 100،000 އާ ގާތް ކުރާ އަދަދަކަށް ރައްޔިތުން ގައުމު ދޫކޮށް ގޮސްފިކަމަށާއި، އަދިވެސް ދިގު ކިޔޫތައް އޮތް ކަމަށް ބުނެއެވެ.

"އެމީހަކަށް ނުކުމެވުނު ގޮތަކަށް ނުކުންނަމުން ދަނީ ވެހިކަލްތަކާއި ފައިމަގުގައި، ފޮށިތަންމަތި ހިފައިގެން އެމީހުން ދަނީ، އެމީހުން ތާއީދެއް ނުކުރޭ ޔޫކްރައިން ހަނގުރާމައަކަށް"
ޖޯޖިއާ އަށް ވަން ރަޝިއާ މީހެއް

ރައީސް ޕުޓިންގެ އަމުރާއެކު، 300،000 މީހުން ހިދުމަތަށް ނުކުތުމަށް އަންގާ ޗިޓްވެސް ފޮނުވަން ފަށައިފިއެވެ. އެކަމަކާ ދެކޮޅު ހަދާ މީހުން 10 އަހަރަށް ޖަލަށް ލާނެ ކަމުގެ ބިރު އޮތް އިރު، އެ މީހުންނަށް ތަމްރީނު ދިނުމަށް ފަހު ހަނގުރާމައިގެ ކުރީ ސަފަށް ނެރޭނެ ކަމުގެ ބިރުވެސް ވަނީ ބޮޑުވެފައެވެ. އެއާއެކު ގައުމު ދޫކޮށް ދާ މީހުން ހުއްޓުވުމުގެ މަސައްކަތްވެސް ކުރަމުން އެބަދެއެވެ.

"މައިންނާއި ޅަ ދަރިން އަވަށްތަކުން ނުކުމެގެން ދަނީ ކަރުނަ އަޅަމުން، ޗިޓް ލިބޭ މީހުންގެ ތެރޭގައި ޓީޗަރުންވެސް އެބަ ހިމެނޭ، ސްކޫލުތަކަށް ދަތުރުކުރާ ބަސްތައް މިހާރު ފުރާލަމުން ދަނީ ތަމްރީނު މަރުކަޒަށް މީހުން އުފުލަން"
ބޯޑަރު ހުރަސް ކުރަން މަސައްކަތް ކުރާ މީހެއް

ގިނަ ބަޔަކު ގައުމު ދޫކޮށް ދާ މި ދަނޑިވަޅުގައި ރަޝިއާގެ އޮފިޝަލުން ވިދާޅުވަނީ، ހިދުމަތަށް ނަގާ މީހުންނަކީ ކޮންމެވެސް ވަރެއްގެ އަސްކަރީ ތަޖުރިބާއެއް ހުރި މީހުން ކަމަށެވެ. އެނޫން ބަޔަކު ނުނަގާނެ ކަމަށް ބުނި ނަމަވެސް އާންމުން އެކަން ގަބޫލެއް ނުކުރެއެވެ.

ޔަނިނާ ނިވިޔޭނާ ކިޔާ ޖާނަލިސްޓަކު ބުނީ، އޭނާގެ 5 ކުދިންގެ ބައްޕަ އަކީ، ސައިބީރިއާގެ އެމަޖެންސީ ޑިޕާޓުމަންޓެއްގައި މަސައްކަތް ކުރާ މީހެއް ކަމަށާއި، ކުރިން އަސްކަރިއްޔާ އުޅުނު މީހަކަށްވެސް ނުވާ އިރު، ތަމްރީނަށް ދާން އޭނާއަށްވެސް ޗިތް ފޮނުވައިފި ކަމަށެވެ.

އަސްކަރީ ހިދުމަތަށް އާންމުން ނެރެން ފެށުމާއެކު، ރަޝިއާގެ އެތެރޭގައިވެސް ދަނީ ހަމަނުޖެހުން ހިނގަމުންނެވެ. އެކަމާ ދެކޮޅު މުޒާހަރާތައް ފުޅާވެފައި ވާއިރު، މިހާރުވެސް 2400 މީހަކު ހައްޔަރު ކޮށްފިއެވެ.

ޔޫކްރައިން ހަނގުރާމަ އާ ދެކޮޅަށް މުޒާހަރާ ކުރާ މީހުން ހިފާ ހައްޔަރު ކުރަނީ / ފޮޓޯ: އޭޕީ

ރަޝިއާ ދޫކޮށް ފިލައިގެން ތުރުކީއަށް ދިޔަ މީހަކު ބުނީ، އޭނާ ގައުމު ދޫކޮށް ނުކުތީ އެ ހަނގުރާމައަށް ގޮސް މަރުވުމަށް ވުރެ ގައުމު ދޫކޮށް ނުކުތުން ރަނގަޅު ކަމަށް ގަބޫލުކޮށް ދެން ޝިއާގައި ދިރިއުޅެން ބޭނުން ނުވުމުން ކަމަށެވެ.

ބައެއް ހަބަރުތައް ބުނާ ގޮތުން، އަސްކަރީ ހިދުމަތަށް 300،000 މީހުން ނެރެން ޕުޓިން އަމުރު ކުރެއްވި ނަމަވެސް ޗިޓް ލިބޭ މީހުންގެ އަދަދު މިލިއަނަކާ ގާތް ކުރެއެވެ.

ގައުމު ދޫކޮށް ނުކުންނަ މީހުންގެ ތެރެއިން ޖޯޖިއާއަށް ވަންނަން 10،000 މީހުން ފިންލޭންޑް ބޯޑަރަށް ވަންނަން 8،000 މީހުން މިހާރުވެސް ޖަމާވެފައި ތިބިކަމަށް ހަބަރުލިބެއެވެ. އަދި މިހާތަނަށް 100،000 އެއްހަ މީހުން ފިލައިގެން ގޮސްފައި ވާ އިރު މިއަދަދު 250،000 އާ ގާތް ކުރާނެ ކަމަށްވެސް ހަބަރުތައް ބުނެއެވެ.