އަންނަ އަހަރުގެ އަމާޒަކީ ރާއްޖެއަށް މަދުވެގެން ދެ މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ 55 ވަނަ އަހަރީ ބައްދަލުުވުގެ ސެމިނާއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ސަރުކާރުގެ މިއަހަރުގެ އަމާޒަކީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެސް 13 މިލިއަން ބެޑް ނައިޓްސް ހެދުން ކަމުގައި ވީ ނަމަވެސް ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ އަންނަ އަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެސް 14.5 މިލިއަން ނައިޓްސް ހެދުން ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމަކީ ގައުމުގެ ޖީޑީޕީގެ 47 ޕަސަންޓް ކަމަށާއި ދައުލަތައް ލިބޭ އާމްދަނީގެ 46 ޕަސެންޓަނީ އަކީ އެ ދާއިރާ އިން ލިބޭ އާމްދަނީ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ކޮވިޑް 19 ގެ ބޮޑު ބަލިމަޑުކަމާ ވިދިގެން ރާއްޖޭގެ ޓޫރިޒަމަށް ކުރި ނޭދެވޭ އަސަރު މަޑުމަޑުން ރަނގަޅުވަމުން ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ ރާއްޖެ އަކީ ކޮވިޑްގެ ސަބަބުން އިގުތިސާދަށް އެންމެ ބޮޑު އަސަރެއްކުރި އެއް ގައުމު ކަމަށާއި އެހެންނަމަވެސް ރާއްޖެ ހިމެނެނީ އެ ހާލަތުން އެންމެ އަވަހަށް އަރައިގަނެެ ކުރީގެ ހާލަތަށް ރުޖޫއާވާ އެއް ގައުމަށް ކަމަށެވެ.

އަންނަ އަހަރު ދެ މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން އަމާޒު ކަނޑައަޅާފައި މިވަނީ ކޮވިޑް 19 އަށްފަުހ ފުރަތަމަ ފަހަރަށް ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް އަންނަން ތައްޔާރުވަމުން ދަނިކޮށެވެ.