އިންޑިއާ ސްކޫލުތަކުގައި ޓީޗަރުން އެ މީހުންގެ ދަރިވަރުންނަށް އަދަބު ދިނުމުގެ ގޮތުން ތަޅާ އަނިޔާ ކުރުމަކީ އަބަދުވެސް އިވޭ ވާހަކައެވެ. މި ކިޔާދެނީ ޓީޗަރަކު ދިން އަދަބެއްގެ ސަބަބުން 15 އަހަރުގެ ކުއްޖަކު މަރުވެގެން ދިޔަ ވާހަކައަކެވެ.

އުއްތަރު ޕްރަދޭޝް އަށް ނިސްބަތްވާ އެންމެ އާދައިގެ ފަންތީގެ ފިރިހެން ދަރިވަރަކަށް ހެދުނު ގޯހަކީ ޓެސްޓް ޕޭޕަރުގައި ސްޕެލިން މިސްޓޭކެއް ހެދުމެވެ. އެ ކުއްޖާގެ ޓީޗަރު އަޝްވިނީ ސިންގް ވަނީ ދަރިވަރަށް ޓެސްޓުގައި ސްޕެލިން މިސްޓޭކެއް ޖެހުނު ކަމަށްޓަކާއި ދަގަނޑު ބުރިއަކުން ކުއްޖާގެ ބޮލުގައި ވަރަށް ބާރަށް ޖަހާ އަނިޔާ ކޮށްފައެވެ.

އެ އަނިޔާގެ ސަބަބުން ސިކުޑިއަށް ލޭއެޅި އެކުއްޖާ މަރުވީ ފަރުވާ ކުރަން ފެށިތާ 20 ވަނަ އަށް ވީ ދުވަހުއެވެ. ކުއްޖާގެ ބައްޕަ ރާޖޫ ފުލުހަށް މައްސަލަ ހުށައަޅަމުން ބުނީ އެކުއްޖާ އެދުވަހު ސްކޫލަށް ހާޒިރުވީ ޓެސްޓަށް ވަރަށް ތައްޔާރުވެގެން ފިލާވަޅު ވަރަށް ބޮޑަށް ދަސްކޮށްގެން ކަމަށެވެ. އަދި ޓެސްޓުގައި އޭނާ ލިޔުނު ބަހެއްގެ ސްޕެލިން ނުބައިވެގެން އޭނާގެ ޓީޗަރު އައި ރުޅިން ދަރިފުޅަށް އަނިޔާކުރި ކަމަށެވެ.

"އަހަރެންގެ ދަރިފުޅަށް ކުރެވުނު ހަމައެކަނި ކުށަކީ ސްޕެލިން މިސްޓޭކެއް،" ބައްޕަ އަސަރާއެކު ބުންޏެވެ.

ބައްޕަ ބުނީ ކުއްޖާގެ ބޮލުގައި ޖެހިޖެހީނުން ދަރިފުޅު ހޭނެތުނު ކަމަށާއި ވަރަށް ގިނަ ފަރުވާކޮށްގެން ކުއްޖާ ހޭއެރި ނަމަވެސް ކުއްޖާއަށް ނޭވާލާން ވަރަށް ދަތިކަމަށެވެ. އަދި އިތުރު ފަރުވާއަށް އެހެން ހޮސްޕިޓަލަށް ބަދަލުކުރުމަށް އެމްބިއުލޭންސަށް އެރުވިތަނާ ކުއްޖާގެ ފުރާނަ ދިޔައީ ކަމަށެވެ. ކުއްޖާގެ ބައްޕަ ބުނީ އެ ޓީޗަރަށް ދުވަހަކުވެސް އޭނާ މައާފް ނުކުރާނެ ކަމަށާއި އެ ޓީޗަރަށް ހައްގު އަދަބު ލިބެން ޖެހޭނެ ކަމަށެވެ.

"ކުއްޖާގެ ބޮލުގައި ޖެހިކަން އެނގުނު ހިސާބުން ސްކޫލަށް މައްސަލަ ހުށައެޅިން. ފުރަތަމަ ކޮޅު ޓީޗަރުގެ އަމިއްލަ ޖީބުން ދަރިފުޅުގެ ސިއްހީ ކަންކަމަށް ފަރުވާކުރި. 40،000 ރުޕީސް އޭނާ ދިން. ނަމަވެސް ފަހުން ގުޅުމުން ފޯނު ނުނަގާއި އެ ޓީޗަރު ފިލީ،" ކުއްޖާގެ ބައްޕަ ބުންޏެވެ.

ފުލުހުން ބުނީ އެ ޓީޗަރު ހޯދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި ޓީޗަރަށް ހައްގު އަދަބު ދޭނެ ކަމަށެވެ.