ރަޝިއާއިން ޔޫކްރައިނަށް އަރާ ފެށި ހަނގުރާމައިގައި އަތްދަށުލި 4 ޝަހަރެއް، ރަޝިއާގެ ތަންތަނުގެ ގޮތުގައި ހަދަން ނިންމައިފިއެވެ.

އެ ތަންތަނަކީ، ޑޮނެސްކް، ލުހާންސްކް، ކެރޮސަން އަދި ޒެޕޮރީޒިއާ އެވެ. މި ތަންތަން ރަޝިއާ އާ ގުޅެން ބޭނުންތޯ ބަލަން ފެންނަ ނުފެންނަ ވޯޓެއް ނަގާފައި ވާ އިރު، އެ ވޯޓުގެ ނަތީޖާ ދެއްކީ އެތަންތަނުން ރަޝިއާ އާ ގުޅެން ބޭނުން ވާ ކަމަށެވެ. ހަތިޔާރު އަޅައިގެން ތިބި އަސްކަރީ ސިފައިން ވޯޓު ފޮއްޓާ އެކު ދޮރުން ދޮރަށް ހިނގާ ނެގި ވޯޓުގައި، އެ 4 ޝަހަރުން ނޫނެކޭ ބުނާނެ ޖާގަ ނުދޭ ކަމަށް މުރާސިލުން ބުނެއެވެ. ވޯޓުގައި ބުނަން ޖެހެނީ "ޔޭސް" ކަމަށާއި "ނޯ" ބުނުމެއް ނެތް ކަމަށް ބުނެ ހުޅަނގާއި އެކި ފަރާތްތަކުން ވަނީ ރަޝިއާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ރަޝިއާގެ މި އަމަލު ޔޫކްރައިން އާއި ހުޅަނގުން ކުށްވެރި ކުރާ އިރު، ހިފާފައިވާ ތަންތަނަކީ ރަޝިއާގެ ބައިތަކެއް ކަމަށް، ރަސްމީކޮށް އިއުލާންކޮށް އެ ސަރަހައްދުތަކަށް ދޭންޖެހޭ ރައްކާތެރިކަން ދިނުމުގެ މަސައްކަތް ކުރާނެ ކަމަށް ރަޝިއާގެ އޮފިޝަލުން ބުނެއެވެ.

ނަމަވެސް ހުޅަނގުން ބުނީ، ރަޝިއާއިން އެގޮތަށް ނިންމި ނަމަވެސް ހުޅަނގުން އެގޮތް ބަލައި ނުގަންނާނެ ކަމަށާއި އެއީ ރަޝިއާގެ ތަންތަން ކަމަށް ގަބޫލު ނުކުރާނެ ކަމަށެވެ. މިއާއެކު ރަޝިއާއަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅަން އީޔޫއިން ދަނީ މަޝްވަރާ ކުރަމުންނެވެ. އީޔޫގެ މިދައުރުގެ ރައީސް އުރުސުލާ ވޮން ޑެ ލެޔެން ވިދާޅުވީ، ރަޝިއާގެ އަމަލުތަކުގެ އަގު ކްރެމްލިން އިން ދައްކަން ޖެހޭނެ ކަމަށާއި، ރަޝިއާގެ އާމްދަނީން 7 ބިލިއަން ޔޫރޯ މަދުވާނެ ވަރުގެ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަން މަޝްވަރާ ކުރައްވާ ކަމަށެވެ.

މިހާރުވެސް އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރަށް 8 ކަމަކުން ދަތިކުރަން ދަނީ މަޝްވަރާ ކުރަމުންނެވެ. އޭގެ ތެރޭގައި އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ޓެކްނޮލޮޖީ އާއި އިލެކްޓްރޯނިކް އައިޓަމްސް އާއި ބައެއް ބާވަތްތަކުގެ ކެމިކަލްއާއި އަސްކަރީ ދާއިރާގެ ބައެއް ޓެކްނޮލީ، ރަޝިއާއިން ޔޫރަޕަށް އެތެރެ ކުރުން ހުއްޓުވުން ހިމެނެއެވެ.

މީގެ އިތުރުން، ރަޝިއާއިން ޔޫރަޕަށް ގަންނަ ތެލުގެ އަގު ހިފެހެއްޓުމާއި ރަޝިއާ ސަރުކާރަށް ނިސްބަތްވާ ކުންފުނިތުގެ ހިންގާ ބޯޑުގައި އީޔޫއަށް ނިސްބަތްވާ އެކަކަށްވެސް ނީދެވޭ ގޮތް ހެދުން ހިމެނެއެވެ.

ރަޝިއާގެ ތަންތަނުގެ ގޮތުގައި ނިންމި 4 ސަރަހައްދަކީ ރަޝިއާގެ ތަންތަން ކަން ރަސްމީ ކޮށް އިއުލާން ކުރުމަށް ރަޝިއާގެ ރެޑް ސްކެއާ ސްޓޭޖްވެސް މިހާރުވަނީ ތައްޔާރު ކޮށްފައެވެ. ހަބަރުތައް ބުނާގޮތުން، ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އެކަން އިއުލާން ކުރާނެ ކަމަށާއި އެކަން ކުރައްވާނީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ކަމަށްވެސް ބުނެއެވެ.