ގަރާޖު ސިޓީއާ ނުލާ ވެހިކަލްތައް ރަޖިސްޓްރީ ކުރެވޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިއަދު އަނެއްކާވެސް މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މީގެ ކުރިން ވެސް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވަނީ އެ ބިލު ހުށަހަޅާފައެވެ. އެހެންނަމަވެސް ގަރާޖު ސިޓީ އުވާލައިފިނަމަ މާލެ މިހާރަށް ވުރެ ބޮޑަށް ތޮއްޖެހިދާނެ ކަމަށައި ދަތިތަކާ ކުރިމަތިވާނެ ކަމަށް ބުނެ އެ އިސްލާހު ވަނީ ބޭރުކޮށްލާފައެވެ.
މޮސްޓާ މި މަހުގެ ކުރީކޮޅު ދެވަނަ ފަހަރަށް އެ އިސްލާހު މަޖިލީހަށް ހުށަހަޅާފައިވާއިރު އެ އިސްލާހު ބަލައިގަންނަ ނުފެންނަ ކަމަށް މިއަދުގެ މަޖިލީހުގައި ވޯޓު ދިނީ 36 މެމްބަރުންނެވެ. އަދި ބަލައިގަންނަން ފެންނަ ކަމަަށް ވޯޓު ދެއްވީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އެކަންޏެވެ.
އެ ބިލުގައި ބުނެފައިވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ރަޖިސްޓްރީ ކުރާއިރު ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ގަރާޖެއްގައި ރަޖިސްޓްރީ ކުރާ ގޮތަށް މިހާރު އޮންނާތީ އެކަމުގެ ނާޖާއިޒު ފައިދާ ނަގައި ބޮޑެތި އަދަދުތަކުން ގަރާޖު ފީ ނުވަތަ ގަރާޖު ކުލި ނަގަމުންދާ ކަމަށާއި ގަރާޖުގައި އޮންނަ ޖާގައަށްވުރެ ގިނަ އުޅަނދު ގަރާޖުގައި ރަޖިސްޓްރީކޮށްދީ އެފަދަ އަމަލުތައް ބައެއް ފަރާތްތަކުން ހިންގަމުން ގެންދާތީ އަދި އެކަން ރަނގަޅަށް މޮނީޓާ ކުރެވޭ ތަން ނުފެންނާތީ އެ ކަމަށް ހުއްޓުމެއް ގެންނަން ޖެހޭ ކަމަށެވެ. އަދި ވެހިކަލް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް ބޮޑު ތަކުލީފަކަށްވެފައިވާ ކަމަށާއި ސަރުކާރުން ހާސިލުކުރަން ބޭނުންވާ މަގުސަދު ހާސިލު ނުވެ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށްވެސް އެ ބިލުގައި ވަނީ ބުނެފައެވެ.