އަމީނިމަގު ހެދުމުގެ ބޭނުމަށް އެ މަގުގައި އިންދާފައި ހުރި ގަސްތައް ކެނޑުން ހުއްޓުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން މާދަމާ ކޯޓަށް މައްސަލަ ހުށަހަޅަން ނިންމަވައިފިއެވެ.
ނަޝީދުގެ ފަރާތުން އެ މައްސަލަ ހުށަހަޅަނީ ޝުނާނާ އެންޑް ކޯ ލޯ ފާމުންނެވެ.
އެ ލޯ ފާމުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ގަސް ކެނޑުމަކީ ތިމާވެއްޓަށް ގެއްލުން ލިބޭނެ ކަމަކަށް ވާނެތީ އަމީނީމަގުގައި ހުރި ގަސްތައް ކެނޑުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި މާދަން ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހުގެ ޖަލްސާ ފެށުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން، އަމީނީމަގުގައި ހުރި ގަސްތައް ކަނޑާލުމާ މެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ސަރުކާރުގެ ކިބައިން ނަޝީދު އެދިވަޑައިގަތެވެ. އެހެން ނޫނީ ޝަރީއަތަށް ދިއުން ނޫން ގޮތެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިދިޔަ ހަފްތާގައި ބޭއްވި މަޖިލިހުގެ ޖަލްސާއެއް ފެށުމުގެ ކުރިން ނަޝީދު ވިދާޅުވި ގޮތުގައި ގަސްތައް ހެދި ބޮޑުވުމަށް 15 ނުވަތަ 20 އަހަރު ނަގާނެއެވެ.
20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ގަސްތައް ހުންނަ އަމީނީމަގަކީ މާލޭގައި އެންމެ ފެހިކޮށް އޮންނަ އެއް މަގެވެ. އެގޮތުން ދަރުބާރުގެ އާއި ސްޓެލްކޯ ކައިރި ސަރަހައްދުގެ އިތުރުން، ކުޑަކުދިންގެ ބަގީޗާ ހުންނަ ސަރަހައްދުގައި ގަސްތައް ގިނައެވެ
އަމީނީމަގުގައި ގަސްތައް ނަގާތީ އާންމުން ފާޑުކިޔާފައިވާއިރު، އެ ފާޑުކިޔުންތަކަށް ރައްދުދީ ނެރުނު ބަޔާނެއްގައި އާރުޑީސީން އޭރު ބުނީ، އަމީނީމަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި އޮތީ އެ މަގުގައި ހުރި ގަހަކަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް ކަމަށެވެ.
ނަމަވެސް، ނަރުދަމާގެ އިތުރުން އެހެން ބައިވަރު ނެޓްވޯކުތައް ވެސް އެ މަގުގައި ވަޅުލާފައިވާތީ، އަމީނީމަގު ހެދުމަށް ދަތިތައް އެބަހުރި ކަމަށް އެ ކޯޕަރޭޝަނުން މިދިޔަ ހަފްތާގައި ނެރުނު ބަޔާނުގައި ބުންޏެވެ.