ރަށްރަށުގެ މެދުގައި އޮންނަ ދުރުކަމާއި ފޫހިކަން ނައްތާލާ ހިދުމަތަކަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތް ވެގެން ދާނެ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީ ހިދުމަތުގެ ފުރަތަމަ ޒޯންގެ ހިދުމަތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން ހއ. ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ވެރިކަން ބަދަލުވުމުގެ ސަބަބުން ރަށްރަށުގެ އިގުތިސޯދު ނިކަމެތިވެގެން ދިޔަ ކަމަށެވެ.

ގެއްލިގެން ދިޔަ އެ ތަނަވަސްކަމާއި އިގްތިސޯދު ރަށްރަށަށް އެނބުރި އަންނަން ޖެހޭނެ ކަމަށާއި، އެ ބަދަލު ފެށިގެން ދާނީ އާރުޓީއެލްގެ ވިއުގައިން ކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.

"ގެއްލިދިޔަ އެ ތަނަވަސްކަމާއި، ފުދުންތެރި އަމިއްލަ އިގުތިސޯދު، ރާއްޖޭގެ ހުރިހާ ރަށަކާއި އަތޮޅުތަކަށް އަންނަން ޖެހޭނެ. އެ ބޮޑު ބަދަލު ފެށެނީ އާރުޓީއެލްގެ ވިއުގައިން. މިއަދު ބޮޑުތިލަދުންމައްޗަށް ގެނެވިފައި މިވާ މި ބޮޑު ބަދަލުން."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ބޮޑުތިލަދުންމަތީގެ އިތުރުން، އެހެން ސަރަހައްދުތަކުގައި ވެސް އާރުޓީއެލް ފެރީގެ ހިދުމަތްތައް ފެށުމަށްޓަކައި 65 އުޅަނދެއް ބަނުމުގެ މަސައްކަތް ހިނގަމުންދާ ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވި ގޮތުގައި، އާރުޓީއެލްގެ ސަބަބުން ރާއްޖޭގެ އިގުތިސޯދީ ހަރަކާތްތައް އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ.

ހަމަ އެއާއެކު، އާރުޓީއެލްގެ ސަބަބުން، ސިއްހީ އަދި ތައުލީމީ ދާއިރާ އަށް ވެސް އެކަމުގެ ހެޔޮ އަސަރުކޮށް، ބޮޑުތިލަދުންމަތީގެ ރަށްތައް އެއްކޮށް ގުޅާލެވޭނެ ކަމުގައި ވެސް ވިދާޅުވިއެވެ.

"ރަށްރަށުގެ މެދުގައި ކުރިން އޮތް ދުރުކަމާއި، ހުސްކަމާއި، ފޫހިކަން މަޑުމަޑުން ނައްތާލާނެ ވަސީލަތަކީ، ދެއިރު ދެ ދަޅައަށް ލަފާ ފުރައިގެންދާ، މާ ގަޔާވާ އާރުޓީއެލް ކަމުގައި ވާނެ."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

އާރްޓީއެލް ސްޕީޑް ފެރީގެ ހިދުމަތް ހަ ޒޯނެއްގައި ފެށިގެން ދާއިރު، ޒަމާނީ ފެރީގެ ހިދުމަތްދޭ 82 އުޅަނދެއް އޮންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ، ކުރިއަށް އޮތް ނުވަ މަސް ދުވަހުގެތެރޭ ނުވަ އަތޮޅެއްގައި އެ ހިދުމަތް ތައާރަފުކުރުމަށްޓަކައި މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ހުރިހާ ރަށަކަށް އެ ހިދުމަތް ފުޅާވެގެން ދާއިރު 800 އަށް ވުރެ ގިނަ ވަޒީފާ އަލަށް އުފެދިގެން ދާނެ ކަމަށެވެ.