ބޮޑުތިލަދުންމަތި ސަރަހައްދުގައި 8،000 ޓޫރިސްޓު އެނދު ގާއިމްކުރުމުގެ އަމާޒު ސަރުކާރުގައި އެބައޮތް ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ފުރަތަމަ ޒޯންގެ ހިދުމަތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން ހއ. ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށް ނިމުމުން، ހަނިމާދޫ ވެގެން ދާނީ ބޮޑުތިލަދުންމައްޗަށް ގެނެވޭ "ބަދަލު ވަދެގެން އަންނަ މައި ދޮރާށްޓަށް" ކަމަށެވެ.

"މި ސަރަޙައްދުގައި ރިޒޯޓް، ހޮޓާ، ގެސްޓްހައުސްގެ ގޮތުގައި 8،000 ޓޫރިސްޓް އެނދު ގާއިމްކުރުމުގެ އަމާޒު އަޅުގަނޑުމެންގެ (ސަރުކާރުގެ) އެބައޮތް."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވި ގޮތުގައި، ރާއްޖެ ތަރައްގީކުރުމަށް މިއަދުގެ ސަރުކާރުން ހިންގާ މަޝްރޫއުތައް ވަނީ އެއް މަޝްރޫއު އަނެއް މަޝްރޫއާ ގުޅިފައެވެ. އަދި އެ މަޝްރޫއުތަކަކީ ދެމެހެއްޓެނިވި މަޝްރޫއުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ޒަމާނާ އެއްގޮތަށް ބޮޑުތިލަދުންމަތި ބަދަލުކުރަން ޖެހޭތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ.

"މިއީ ބޮޑުކަންނެލީގެ މަސްވެރިން ގިނަ ސަރަޙައްދެއް. ހަނިމާދޫން ކަންނެލި އެކްސްޕޯޓް ނުކުރެވޭކަމީ އިގުތިސޯދުގައި އެޅިފައި އޮތް މަރުތަޅެއް. އުތުރުގެ އިގުތިސޯދީ މައި ދޮރޯށީގެ ގޮތުގައި ހަނިމާދޫ ހުޅުވާލެވުނުނަމަ، މި ސަރަހައްދުގެ 8،000 ޓޫރިސްޓް އެނދު ބާވާނެތާ މިހާރު ކިތަންމެ ދުވަހެއް."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ނަމަވެސް، ހަނިމާދޫ އެއާޕޯޓު ހިމެނޭހެން ބޮޑުތިލަދުންމައްޗަށް މިއަދު ގެންނަ ބަދަލުގެ ސަބަބުން، އިޖުތިމާއީ، އުމްރާނީ، އަދި އިގުތިސޯދީ ގޮތުން އެ ސަރަހައްދަށް ބޮޑު އިންގިލާބެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ

އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް އާ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު މި މަހުގެ 25 ގައި ހަވާލުކޮށްފައި ވަނީ 136.6 މިލިއަން ޑޮލަރަށެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މި އަހަރުގެ ފަހުކޮޅު އެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށިގެން ދާނެ ކަމަށެވެ

އެ މަޝްރޫއުގެ ދަށުން:

  • ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ ރަންވޭ އެއް ގާއިމްކުރާނެ
  • އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޓާމިނަލެއް އިމާރާތް ކުރާނެ
  • އިތުރު ވަސީލަތްތައް ވެސް ގާއިމްކުރާނެ

އެ މަޝްރޫއު ނިމުމުން، ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ ބޯއިން 737 އާއި އެއާބަސް އޭ-320 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫން ހިދުމަތް ދެވޭނެ ކަމަށާއި، މެދުއިރުމަތީގެ އިތުރުން، އިރުމަތީ އެފްރިކާގެ ގައުމުތަކާއި ހަނިމާދުއާ ދެމެދު ސީދާ ދަތުރުތައް ކުރެވޭނެ ގާބިލްކަން ލިބިގެން ދާނެ ކަމަށް، އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.