ކޮވިޑް އަށް ފަހު މިހާރު ފަތުރުވެރިކަން ފުޅާ ކުރަމުން އަންނަ އިރު، މުޅި މުޖުތަމައުއަށް ފައިދާ ކުރާނެ ގޮތަކަށް ފަތުރުވެރިކަން ބައްޓަން ކުރަން ޖެހޭ ކަމަށް ތޫރިޒަމް މިނިސްޓަރު ޑރ. އަބދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މައުސޫމް މިހެން ވިދާޅުވީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވާ މިއަދު މައުސުމް ދެއްވި ހާއްސަ މެސެޖުގައެވެ. މައުސޫމް ވިދާޅުވީ، ހާއްސަކޮށް ދުނިޔެއަށް އައި ކޮވިޑް ބަލިމަޑުކަމަށް ފަހު ދުނިޔޭގެ ޓޫރިޒަމް ކުރިއަރަމުން އަންނަ އިރު، ކޮވިޑްގެ ސަބަބުން ލިބުނު ފިލާވަޅުން އިބްރަތް ލިބި ތަފާތު ގޮތަކަށް ކަންކަން ކުރަން ވިސްނިފައިވާ ކަމަށެވެ. އެގޮތުން އެއް މާކެޓަކަށް ބަރޯސާ ވުމަށް ވުރެ، ތަފާތު މާކެޓްތަކަށް ބަރޯސާ ވާން ޖެހޭ ކަމަށް މައުސޫމް ވިދާޅުވިއެވެ.

ހަމައެއާއެކު ފަތުރުވެރިކަމަކީ އެންމެން ޝާމިލްވާ އަދި އެންމެންގެ އެއްބާރުލުމާ އެކު ކުރެވޭނެ އެއްޗެއްކަން ވިސްނަން ޖެހޭ ކަމަށް މައުސޫމް ވިދާޅުވިއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރުމަށް އިތުރަށް މަސައްކަތްތައް ކުރަން ޖެހޭ ކަމަށާއި އެގޮތުން މުޅި މުޖުތަމައުއަށް ފައިދާ ލިބޭނެ ގޮތަކަށް ފަތުރުވެރިކަން ބައްޓަން ކުރަން ޖެހޭ ކަމަށް މައުސޫމް ވިދާޅުވިއެވެ.

މިއަދު ފަތުރުވެރިކަމުގެ ސިޔާސަތު މިވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ވަރަށް ގުޅޭ ގޮތަށް ކަމަށާއި އެކަން އުފަލާ އެކު ފާހަގަ ކުރައްވާ ކަމަށް މައުސޫމް ވިދާޅުވިއެވެ. އަދި މި ދުވަހުގެ ތަހުނިޔާ ހުރިހާ ފަރާތްތަކަށް ދަންނަވަމުން މައުސޫމް ވިދާޅުވީ، މި މަސައްކަތުގައި ބަރަކާތް ލައްވާ އަދަށް ވުރެ ފަހި މާދަމާއެއް މިންވަރު ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިއަދަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. އެ ގޮތުން މިއަދުގެ ޝިއާރަކީ ފަތުރުވެރިކަމާ މެދު އަލުން ވިސްނުމެވެ.