އެންމެ ދިގުމުއްދަތަކަށް ޖަޕާނަށް ހިދުމަތް ކޮށްދެއްވި ބޮޑުވަޒީރު ޝީންޒޯ އަބޭގެ މަރާ ގުޅިފައިވާ އާވާހަކަތަކެއް މީޑިއާގައި ތިލަވެއްޖެއެވެ. ސިޔާސީ ރެލީއެއްގައި ޖަޕާނުގެ ނާރާގައި ހުންނަވަނިކޮށް މީހަކު ދިން ބަޑީގެ ހަމަލާއެއްގައި އަބޭ އަވަހާރަ ވެފައި ވާއިރު، ޖަނާޒާ އޮތީ މިއަދުއެވެ.

އެ ހާދިސާގައި ބަޑި ޖެހި މީހާ، އެކަން ކުރުމުގެ އެއްދުވަސް ކުރިން ބްލޮގަރަކަށް ފޮނުވި ސިޓީއެއްގެ ވާހަކަ މިއަދު މީޑިއާގައި އާންމު ވި އިރު، އެ ސިޓީގައި ހަމަލާދިން މީހާ ބުނާކަމަށް އޮތީ، އަބޭ އަށް ހަމަލާ ދޭން ޖެހުނީ، އަބޭ އަކީ، ފައިސާ ހުސްވެ އޭނާގެ އާއިލާ ހާލުގައި ޖެހުމުގެ އަސްލު ކަމަށް ވާ ފައްޅިއެއްގެ އިސް ސަޕޯޓަރެއް ކަމަށް ވުމެވެ.

ނަސޯރާ ދީނުގެ އެ ފައްޅިއަކީ، ކޮމިއުނިސްޓް ވިސްނުމާ ދެކޮޅު، ދެކުނު ކޮރެއާގެ ސަން މިޔަންގް މޫން، 1954 ގައި އުފަންކުރި ފައްޅިއެކެވެ. "ދަ މޫނީސް" ގެ ނަމުން މަޝްހޫރުވެފައި ވާ އެ ފައްޅި އުފެއްދި މޫން އާއި ބޮޑުވަޒީރު އަބޭބެ މުނިކާފަ އަކީ، ގާތް ދެމީހުން ކަމަށާއި، އެ ގުޅުމުގެ ތެރެއިން އެ ފައްޅީގެ ގޮފިތައް ޖަޕާނުގައި ހަދާ، ފުޅާވަމުން ދިޔަ އިރު، އަބޭ އަކީވެސް އެ ފައްޅީގެ އިސް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ހަމަ އެއާއެކު އަބޭއަށް ހަމަލާދިން މީހާގެ މަންމަ އަކީވެސް އެ ފައްޅީގެ މެންބަރެެކެވެ. ދުނިޔޭގެ އެތަން މިތަނަށް ފުޅާކޮށްފައިވާ "ދަ މޫނީސް" ވިޔަފާރި ހިންގުމަށް އެ ފައްޅިތަކުގައި ތިބޭ ފާދިރީންނަށް ތަބާވާ މީހުންގެ އަތުން ފީ ނަގައެވެ. އަބޭއަށް ހަމަލާދިން މީހާގެ މަންމައަކީވެސް އެގޮތަށް ފީ ދެއްކި މީހެކެވެ. އެގޮތުން އޭނާ 100 މިލިއަން ޔެން ނުވަތަ 692،000 ޑޮލަރު ދެއްކި ކަމަށާއި، އެއީ، ހަމަލާ ދިން މީހާގެ ބައްޕަ މަރުވުމުން އިންޝުއަރޭންސަށް ލިބުނު ފައިސާ ކަމަށާއި އެއާއެކު އެ އާއިިލާ ބަނޑަށް ޖެހި ބޭންކްރަޕްވީ ކަމަށް ބުނެއެވެ.

އަބޭއަށް ހަމަލާ ދިނީ، ކޮވިޑްގެ ހާލަތާ އެކު ޖަޕާނުގެ ބޯޑަރު ބަންދުވުމުން، އެ ފައްޅީގެ މިހާރުގެ ވެރިޔާ، ހަކް ޖަ ހާން މޫން އަށް ޖަޕާނަށް ނާދެވޭތީ، އޭނާ އަށް ހަމަލާ ދިނުން ނާދިރު ކަމަށް ބަލައި، ދެން އެ ފައްޅިއާ އެންމެ ގާތް މީހަކަށް ހަމަލާދޭން ބޭނުން ވުމުން ކަމަށް އޭނާ ބުނެއެވެ.

ހަމަލާދިން މީހާ، ބޮލޮގަރަށް ފޮނުވި ސިޓީގައި ހުރި ވާހަކަތައް މިއަދު ހާމަ ކޮށްފައި ވުމުން، ގިނަ ބަޔަކު ދަނީ ޖަޕާނުގެ ސިޔާސީ މަސްރަހާއި ކޮރަޕްޝަނާއި އަދި އެކިއެކި ނުފޫޒުތަކާ ގުޅިފައި އޮންނަ ގޮތްތަކާ ބެހޭ ގޮތުން ސުވާލު އުފައްދަމުންނެވެ.

ދަ މޫނީސް އަކީ އެފަދަ އެއް ފައްޅިއަށް ވުމުގެ އިތުރުން، އެއީ، ކަލްޓް ޖަމާއަތެއް ކަމަށްވެސް މިހާރު ދަނީ ބުނަމުންނެވެ. އަދި މިއަދާ ހަމައަށް އައި އިރު ދަ މޫނީސް އަށް ފީ ދެއްކި މީހުންގެ އަތުން 856 މިލިއަން ޑޮލަރު ގެއްލިފައި ވާ ކަމުގެ 30،000 ޝަކުވާ ހުށަހަޅާފައި ވާކަމަށްވެސް ހަބަރުތައް ބުނެއެވެ.

ބްރިޓެއިންސް ފައިނޭންޝަލް ޓައިމްސް އިން ބުނާ ގޮތުން، ދަ މޫނީސް އިން ވަނީ 1963 ގައި ޓޮންގިލް ގްރޫޕުގެ ނަމުގައި ދެކުނު ކޮރެއާގައި ވިޔަފާރިއެއް އުފައްދާފައެވެ. އެ ކުންފުނީގެ ދަށުގައި ގޯލްފް ރިސޯޓަކާއި، ޑިފެންސް ކޮމްޕެނީއަކީ ކެމިކަލް ގްރޫޕަކާއި ކާރުގެ ވިޔަފާރި އާއި ނޫހެއްވެސް އޮވެއެވެ. އަދި އެމެރިކާގެ ވޮޝިންޓަން ޓައިމްސްގައިވެސް އެ ގްރޫޕުގެ މަސްލަހަތު އޮންނަ ކަމަށާއި ދަ ނިއުޔޯކާ ހޮޓެއްގެ އިތުރުން، ސީފީޑް ހޯލްސޭލް ކުރުމުގެ ވިޔަފާރިވެސް އޮންނަ ކަމަށް ބުނެއެވެ. މީގެ އިތުރުންވެސް ސާފު ނުވާ އެތައް ފިޔަފާރިއެއް ކުރާ ކަމުގެ ތުހުމަތުވެސް އެބައޮތެވެ.

އަބޭއަށް ހަމަލާދިން މީހާގެ ސިޓީއާ އެކު މީޑިއާއަށް ތިލަވެގެން އައި މި ވާހަކަތަކުގެ ސަބަބުން ކުށްމަދު ޖަޕާނުގެ ސިޔާސީ މަޝްރަހާމެދު ވަނީ ސުވާލުތައް އުފެދިފައެވެ.

ޖަޕާނުގެ ގިނަ ބައެއްގެ ލޯބި ހޯއްދެވި އަބޭގެ ޖަނާޒާ މިއަދު ވެރިރަށް ޓޯކިޔޯގައި ބާއްވާފައި ވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ހާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓަރު އަބްﷲ ޝާހިދު ވަނީ ޖަނާޒާގައި ބައިވެރިވެ ވަޑައިގެންފައެވެ.