ގައުމެއް ކުރިއަރާ ތަރައްގީވާނީ އެ ގައުމެއްގެ ދަރީން ބިނާކޮށް ތަރުބިއްޔަތުކޮށް މީހުންނަށް ހަދައިގެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ މީހުން ބިނާކުރުމުގައިވެސް އެންމެ ކާމިޔާބު ފަލްސަފާއަކީ ގައުމީ ދުވަސް އެބޭފުޅަކަށް ނިސްބަތްވާ ބޮޑުތަކުރުފާނުގެ ފަލްސަފާ ކަމަށާއި ދިވެހި ގައުމު ގައުމެއްގެ ގޮތުގައި ފޯރުކޮށްދެވޭނީ ދިވެހި ގައުމިއްޔަތުގެ ބަހާތައް މިއަދުގެ ޖީލުން ފުރިހަމައަށް ނަގަހައްޓާ ދަމަހައްޓައިގެން ކަމަށެވެ.

ކޮންމެ ގައުމެއްވެސް ބިނާވެގެންވަނީ އެ ގައުމެއްގެ ގައުމިއްޔަތުގެ ބަހާތަކާއި އަސާސްތަކާ ރުކުންތަކުގެ މައްޗަށް ކަމަށްވާއިރު އެގޮތުން ދިވެހި ގައުމިއްޔަތުގެ ބަހާތަކަކީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހިބަހާއި ދިވެހި ސަގާފަތާއި އާދަކާދަތައް ކަމަށެވެ.

ހެޔޮލަފާ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ހުރިހާ ފުރިހަމަ ސިފަތަކެއް ބޮޑުތަކުރުފާނުގެ ކިބައިން ފެންނަން ހުރިކަން އެތަކުރުފާނުގެ ހަޔާތްޕުޅު ދިރާސާކުރުމުން ފެންނަ ކަމަށާއި އެގޮތުން އިލްމްވެރިކަމާއި ހިކުމަތްތެރިކަމާއި ކެތްތެރިކަމާއި އޯގާވެރިކަން އިސްކުރެއްވިކަން އިމްރާން ފާހަގަކުރެއްވިއެވެ.