ބޮޑު ތަކުރުފާނަކީ އުތީމުގެ އުނގުން އުފަންކުރި އެންމެ އަގުހުރި ދިވެހި ޖައުހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހއ. އުތީމުގައި ކުރިއަށްގެންދާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަމުން ރައީސް ސޯލިހު ވިދާޅުވީ ގައުމީ ދުވަހުގެ އުފަލަކީ ވަރަށް ތަފާތު އުފަލެއް ކަމަށާއި އެހެންނަމަވެސް 1444 ވަނަ އަހަރުގެ ގައުމީ ދުވަހަށް އުތީމަށް އާދެވުން އެމަނިކުފާނަށް ލިބިވަޑައިގެން އުފާ އަދި މާ ތަފާތު ކަމަށެވެ.
ރަށަކުން ނުވަތަ އަތޮޅަކުން ގައުމަކަށް ދޭނެ އެންމެ ބޮޑު ހަދިޔާ ދިވެހި ރާއްޖެއަށް ދިނީ ވައިފެން ހެޔޮ މި ބޮޑުތިލަދުން މަތީ އުތީމުގެ ފަސްގަނޑުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ އޭރު ބޮޑުތަކުރުފާނަކީ އުމުރުން ހަގު ޒުވާން ބޭފުޅެއް ކަމަށައި އެ ހަށިކޮޅުގައި ހިނގީ ޒުވާން ކަމުގެ ހޫނު ލޭ ކަމަށެވެ. އަދި އެއްވެސް ދެވަނައެއް ނެތި އެ ހިކުމަތާއި ވިސްނުމާއި ހިތްވަރާއި ޖޯޝާއެކު ރާއްޖޭއާ މެދު އޮތް އިލާހީ އިނާޔަތާއި މަދަދުގެ މެދުވެރިއަކަށް އެ ތަކުރުފާނު ނުވި ނަމަ މިވާހަކަ ދައްކާނެ މިދުވަސް ލިބުން ނާދިރު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ގައުމެއް ނެތިއްޔާ ގައުމިއްޔަތެއް ނޯންނާނެ ކަމަށާއި ދިވެހި ރާއްޖޭގެ ގައުމިއްޔަތަށް ފުރާނަ އެޅި ދިރުން ލިބުނީ ދިވެހިންގެ ސަބަބުން ކަމުގައި ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދިވެހިންގެ އުޅުމާއި ގުޅުމުގައި އިސްކުރާ ކަންކަމާއި ފަސްކުރާ ކަންކަމުގައި ހުންނަ ތަރުތީބަކީ ގައުމިއްޔަތުގައި ހުންނަ ތަރުތީބު ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ބޮޑުތަކުރުފާނު ކޮށްދެއްވި އެންމެ މުހިއްމު އެއް ކަމަކީ އެންމެ ބޮޑު ގުރުބާނީއަކީ ދިވެހިންގެ ގައުމިއްޔަތު ދިފާއުކޮށްދެއްވުން ކަމަށެވެ.