މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކަކީ، ގައުމިއްޔަތާ ދުރުވިވަރަކަށް، ގާތްވާކަންކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިއަދު ފެންނަ އިޖްތިމާއީ ބޮޑެތި ހުރިހާ މައްސަލަތަކެއްގެ ފެށުން ގުޅެނީ، ގައުމިއްޔަތުގެ ސިފަތަކާ އޮތްގުޅުން ކުޑަވުމާ ކަމަށެވެ.

ބޮޑުތަކުރުފާނު އަމާންކުރެއްވި ކަނޑުތަށް، ނާމާން ކުރާ މަސްތުވާތަކެއްޗާ، ވަގުވިޔަފާރިއަށް މަގުފަހި ކުރުމަކީ، ދިވެހި ގައުމިއްޔަތެއް ނޫން ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މަސްތިވާތަކެއްޗާ ގޭންގް ކުށްތަކަކީ، ގައުމިއްޔަތާ ދުރުވިވަރަކަށް، ގާތްވާކަންކަން ކަމަށެވެ.

ބޮޑުތަކުރުފާނު އަމާންކުރެއްވި ކަނޑުތަށް، ނާމާން ކުރާ މަސްތުވާތަކެއްޗާ، ވަގުވިޔަފާރިއަށް މަގުފަހި ކުރުމަކީ، ދިވެހި ޤައުމިއްޔަތެއް ނޫން. މަސްތިވާތަކެއްޗާ ގޭންގް ކުށްތަކަކީ، ގައުމިއްޔަތާ ދުރުވިވަރަކަށް، ގާތްވާކަންކަން.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ އިސްލާމްދީނުގެ މަތިވެރިކަމާ، އެދީނުގެ ސައްހަ އަގީދާއަކީ ދިވެހި ގައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބު ކަމަށެވެ.

ރައީސް ވިދާޅުވީ، ޓެރަރިޒަމަކީ ދިވެހިން ދަންނަ ކަމެއް ނޫންކަން ކަމަށާއި ލާމެހިފައިވާ ދުނިޔޭގާ، އެހެން އިންސާނުންނާ އެކު މުއާމަލާތުކުރެވި، ސުލްހަ މަސަލަސްކަމާއެކު އުފަލުގައި ދިރިއުޅުމަކީ ދިވެހިން އެދޭގޮތް ކަމަށެވެ.

އަދި ގައުމިއްޔަތަކީ ތަފާތެއް ނެތި އަމާޒެއް އޮވެ، ޖަޒީރާ ކުދި ރަށްތަކާއެކު ދިރިއުޅެވޭނޭ ގޮތެއް ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ޒަމާން ބަދަލުވި އިރުވެސް ދިވެހިންގެ "ދިވެހިއްޔަތަށް" ދުނިޔެ އެބަ ހެކިވާ ކަމަށެވެ. ފަތުރުވެރިން ރާއްޖެ އަންނާން ފެށިތާ މިއީ 50 ވަނަ އަހަރު ކަމަށާއި، މެހެމާންދާރީއާ އޯގާތެރި ކަމާއި ހިތްހެޔޮކަން ނުވި ނަމަ، ދުނިޔޭގެ އެންމެ މަގްބޫލު ޓޫރިސްޓް މަންޒިލްކަމުގައި، ރާއްޖެއަކަށް ނުވެވުނީސް ކަމަށެވެ.

އަދި ބޮޑު ތަކުރުފާނު ކުރައްސަވައި ދެއްވި ގައުމިއްޔަތުގެ ޗާޓުން ދައްކަނީ، މެހެމާނުންނަށް ކަމޭ ހިތާ އިޙްތިރާމްކޮށް އޯގާތެރިވުން ކަމަށެވެ. ރާއްޖެއަށް ލާބަ ހުރި ކޮންމެ ކަމެއްގައި، އެތަކުރުފާނު އިސްކުރެއްވި ހާރިޖީ ސިޔާސަތަކީ ގައުމިއްޔަތުގެ ބައެއް ކަމަށެވެ.

މިދެންނެވި ގައުމިއްޔަތުގެ ސިފަތަށް ދެމެހެއްޓުމަކީ، މިނިވަންކަން ދެމެހެއްޓުމުގެ އެއް އަސާސް ކަމަށް ރައީސް ވިދާޅުވިއެވެ.