18 އަހަރު ފަހުން ހދ. ފިނޭ އާ އިންޖީނު ގެއެއްގައި ހިދުމަތް ދޭން ފަށައިފިއެވެ.

ފެނަކަ އިން ބުނީ އަލަށް އިމާރާތްކުރެވުނު އިންޖީނުގޭގެ އޮފީސް ބައިގައި މީޓިން ރޫމަކާއި މެނޭޖަރު ރޫމަކާއި ރިސެޕްޝަން އަދި ލޮބީ ހިމެނޭ ކަމަށެވެ. އަދި ޖެނެރަލް އޮފީހަކާއި ޕޭންޓްރީއަކާއި ޓެކްނިކަލް ސްޓާފް ރޫމަކާއި 2 ފާހާނާ ހިމެނެއެވެ.

މީގެ އިތުރުން އިންޖީނުގެގައި ޑެގް ރޫމަކާއި ކޮންޓްރޯލް ރޫމަކާއި ވޯކް ޝޮޕަކާއި ސްޓޯ ޕޭންޓްރީއަކާއި ފާހާނާއަކާއި ޗިމްނީއަކާއި ޑޭ ޓޭންކަކާއި ޑީސަން ޓޭންކް ހިމެނޭ ކަމަށްވެސް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ 570 ކިލޯވޮޓްގެ ޖަނަރޭޓަރެއް ބެހެއްޓިފައިވާއިރު އިންޖީނުގެ ޑިޒައިން ކުރެވިފަ ވަނީ 600 ކިލޯވޮޓްގެ 3 ޖެންސެޓް ބެހެއްޓޭ ގޮތަށް ކަމަށެވެ. އަދި މީގެ ކުރިން 4 މުވައްޒަފުން މަސައްކަތް ކުރަމުން އައި ފިނޭ އިންޖީނުގޭގައި 12 މުވައްޒަފަކު މިހާރު މަސައްކަތް ކުރާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

މީގެ ކުރިން ފިނޭގައި ހިދުމަތްދެމުން އައި އިންޖީނުގެއަކީ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި އިންޖީނުގެއަކަށްވާއިރު މިހާރުގެ އިންޖީނުގެ ހުރީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.

155 ރަށުގައި ފެނަކައިން ހިދުމަތް ދެމުން އަންނައިރު ފެނަކައިން އަންނަނީ މީހުން ދިރިއުޅެމުންދާ ސަރަހައްދާ ދުރުގައި އާ އިންޖީނުގެ އިމާރާތްކޮށް އެތަންތަނަށް ރަށްރަށުގެ އިންޖީނުގެތަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.