ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ތިލަދުންމަތީ އުތުރުބުރީގެ ދެ ރަށަކަށާއި، ތިލަދުންމަތީ ދެކުނުބުރީގެ ދެ ރަށަކަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު ފައްޓަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސް ތިލަދުންމައްޗަށް ކުރައްވާ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ހދ. ނައިވާދޫ އަށް ކަމަށެވެ. އެއަށްފަހު، ހދ. ފިނޭއަށާއި، ހއ. އުތީމަށް އަދި ހއ. ދިއްދޫއަށް އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ހއ. އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ހއ. އުތީމަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނާއެކު އަނބިކަނބަލުން ފަޒްނާ އަހްމަދު އުތީމަށް ވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ، ތިލަދުންމައްޗަށް ކުރައްވާ މި ދަތުރުފުޅުގައި މި ރަށްރަށުގައި ސަރުކާރުން ކުރިޔަށް ގެންދިޔަ އުމްރާނީ ބައެއް މަޝްރޫއުތައް ނިމިފައި ވުމުން އެ ހިދުމަތްތައް ރަސްމީގޮތުން ރައީސް އިފްތިތާހު ކޮށްދެއްވާނެ ކަމަށެވެ، މީގެތެރޭގައި ރަށްރަށުގެ ފެނުގެ ނިޒާމާއި، ނަރުދަމާގެ ނިޒާމް ހިމެނެއެވެ.

އަދި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ޒޯން 1 ގެ ހިދުމަތް ފަށައި އެނިޒާމް އެސަރަޙައްދުގައި ފުރިހަމަކޮށްފައި ވާތީ ރަސްމީކޮށް އެކަން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ރައީސް ބައްދަލުކުރައްވާ މަޝްވަރާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސް ތިލަދުންމައްޗަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ އިރު މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސް މާލެ ވަޑައިގަންނަވާނީ، ބުދަ ދުވަހު ކަމަށް ރައީސް އޮފީހުން ބުނެއެވެ.