ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އިންޑިއާގެ ކުންފުންޏަކާއެކު ރޭ ސޮއިކޮށްފިއެވެ.

އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ ރޭ މީރުމާ އިވެންޓް ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި ރީޖަނަލް އެއާޕޯޓްސްގެ ފަރާތުން ސޮއިކުރީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީއެވެ. އަދި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްގެ ނައިބު ރައީސް ކޭއެސް ރެޑީ ވަނީ ކުންފުނީގެ ފަރާތުން ސޮއިކޮށްފައެވެ.

މި މަޝްރޫއު ހަވާލުކޮށްފައި ވަނީ 136.6 މިލިއަން އެމެރިކާ ޑޮލަރަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީން ބުނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅުގައި ފެށިގެންދާނެ ކަމަށާއި އަދި 2024 ގައި މަޝްރޫއު ނިމި އެއާޕޯޓްގެ ހިދުމަތް ފެށިގެންދާނެ ކަމަށެވެ.

އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއި ކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ، މިމަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެން ދާނެ ކަމަށާއި އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން އިންޑިއާގެ ކުންފުންޏަކާ ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ރީޖަނަލް އެއާޕޯޓްސްގެ އެމްޑީ މުހައްމަދު ރިޒްވީ (ވ) / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ނިމުމުން ބޮޑުތިލަދުންމަތީގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ ސަބަބުން އުތުރުގެ އަތޮޅުތަކުގައި ވިޔަފާރިއާއި ވަޒިފާގެ ފުރުސަތުތައް ވެސް އިތުރުވެގެންދާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ މަޝްރޫއު ހިމެނޭ ކްރެޑިޓް ލައިނަށް އިތުރު 100 މިލިއަން ޑޮލަރު އިތުރުކޮށްދޭން އިންޑިއާ އިން ވަނީ އެއްބަސްވެ އެ ކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.