ރަޝިއާއިން ޔޫކްރައިން އަށް އެރިތާ ކައިރީގައި، މިސައިލާ ދެކޮޅަށް ހަމަލާ ދޭ ނިޒާމުތައް ހޯދަން ޔޫކްރައިނުން އިޒްރޭލުގައި އެދުނު ނަމަވެސް އަދިވެސް ދީފައި ނުވުމުން ޒެލެންސްކީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވީ، އިޒްރޭލުން އެކަން ކޮށްދީފައި ނުވުމުން "ޝޮކެއް" ގައި ހުންނެވި ކަމަށާއި އެކަން ކޮށްނުދިން ސަބަބެއް ސާފުނުވާ ކަމަށެވެ.
ޔޫކްރައިނުން އެދުނީ، ޕަލަސްތީނުން އިޒްރޭލަށް ފޮނުވާ ރޮކެޓްތައް މައިތިރި ކުރާ އެންޓި މިސައިލް ސިސްޓަމް ނުވަތަ އަޔަން ޑޯމް ސިސްޓަމް ހޯދުމަށެވެ.
އިޒްރޭލުން ޔޫކްރައިނަށް ހަތިޔާރުގެ ގޮތުން އެހީ ނުދިން އިރު އިޒްރޭލަކީ ރަޝިއާ އާ ވެސް ގާތް ގުޅުމެއް އޮންނަ ގައުމެކެވެ. އިޒްރޭލުން ސީރިއާގައި އުޅޭ އީރާނުގެ ހަނގުރާމަވެރިންނަށް ކަމަށް ބުނެ ދޭ ހަމަލާތައް ދިފާއު ކޮށްދޭ އެއްބަޔަކީވެސް ރަޝިއާއެވެ.
އިޒްރޭލުގެ އަޔަމް ޑޯމް ނުވަތަ ދަނގަނޑު ދާގަނޑު ޔޫކްރައިނަށް ނުދިން ނަމަވެސް، އިންސާނީ އެހީ ފޯރުކޮށްދީ، ޔޫކްރައިންގެ ރައްޔިތުންނާ އެކު ތިބިކަން ހާމަކޮށްފައި ވެއެވެ.
ޔޫކްރައިން ހަނގުރާމަ އާ މަރުހަލާ އަކަށް ގޮސްފައި ވާއިރު، ރަޝިއާގެ ފައުޖުތައް އަންނަނީ ބަލިވެ ފަހަތަށް ޖެހެމުންނެވެ. އެމެރިކާގެ ޒަމާނީ ހަތިޔާރާއެކު ޔޫކްރައިން ސިފައިން ކުރި ހޯދާ މި ދަނޑިވަޅުގައި ހަނގުރާމައަށް ރިޒާވް ސިފައިން ނެރުމުގައި ވެސް ރަޝިއާއަށް ވަނީ ގޮން ޖެހުންތަކާ ކުރިމަތިވެފައެވެ.
ރަޝިއާގެ ރިޒާވް ސިފައިންގެ ގޮތުގައި 300،000 މީހަކު ހަނގުރާމައަށް ނެރުމަށް އިއުލާން ކުރުމުން، ބައެއް މީހުން ވަނީ ފަސްޖެހިފައެވެ. ޔޫކްރައިން ހަނގުރާމަ އާ ގުޅިގެން، މިހާރުވެސް ރަޝިއާގެ ތެރޭގައި ބޮޑެތި މުޒާހަރާތައް ކުރާ އިރު، އެއް ބަޔަކު ބުނަމުން ދަނީ، އެ ހަނގުރާމަ އާ ދެކޮޅު ކަމަށެވެ.
ނަމަވެސް ރިޒާވް ސިފައިން ނެރެން ޕުޓިން ނިންމަވާ އަމުރު ކުރައްވާފައި ވުމުން، އެ ފައުޖުތައް ރުކުރުވާލުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެެވެ.
ރިޒާވް ސިފައިންނަކީ، ކޮންމެވެސް ވަރަކަށް އަސްކަރީ ތަމްރީނު ހުރި ނުވަތަ ހަތިޔާރު ބޭނުން ކުރަން އެނގޭ މީހުންނެވެ. ރަޝިއާއިން 300،000 ރިޒާމް ސިފައިން ނެރެން މަސައްކަތް ކުރާ އިރު، ޔޫކްރައިން ހަނގުރާމަ ފެށި އިރު 190،000 ހާސް ސިފައިން ބޭނުން ކުރި ކަމަށް ހަބަރު ލިބެއެވެ.
ދެފަރާތުގެ ހަމަލާތަކުގައި ރަޝިއާ ފައުޖުގެ ދެބައިކުޅަ އެއްބައި މަރާލެވިއްޖެ ކަމަށް ޔޫކްރައިނުން ބުނެއެވެ. ނަމަވެސް ރަޝިއާއިން ބުނެފައި ވަނީ މަރުވީ 5000 އެއްހާ ސިފައިން ކަމަށެވެ.