މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިމާރާތް ކުރަމުން އަންނަ ފުލެޓްތަކަށް ފައިސާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، އެމްޕީއެލްގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހެންވޭރު ދަނޑުގައި ރޭ ކުރިއަށް ގެންދިޔަ ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ، އެމްޕީއެލްގެ މުވައްޒަފުންނަށް ހަދަމުންދާ ފްލެޓްތަކަށް ކުރިން ހަމަޖެހިފައި އޮތީ އެއްފަހަރާ ފައިސާ ދައްކާ އުސޫލެއް ކަމަށެވެ. ނަމަވެސް 20 އަހަރަށް ބަހާލައިގެން ފްލެޓަށް ފައިސާ ދެއްކޭނެ ގޮތް މިހާރު ހަމަޖައްސައި ދީފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުވައްޒަފުންގެ ޝަކުވާތައް އަޑުއެހުމަށްފަހު ޑައުންޕޭމަންޓް ދެއްކުމަށް ހަތަރު އޮޕްޝަނެއް ފަހުން ތައާރަފްކުރިން. އެހެންވެ ލުއި ގޮތްތަކެއް މިހާރު ހަމަޖައްސާފައިވާނެ،
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ

ނިމިގެން ދިޔަ ސަރުކާރުން އެމްޕީއެލްގެ ހިޔާ މަޝްރޫއު ފެށިއިރު އޮތީ މުވައްޒަފުން އެއްފަހަރާ ފައިސާ ދައްކަން ޖެހޭ ގޮތަށް ނުވަތަ ބޭންކް މެދުވެރިކޮށް ފައިސާ ދައްކާ ގޮތަށްކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ މިސަރުކާރުން ވަނީ 20 އަހަރު ދުވަހަށް ފައިސާ ދެއްކުން ބަހާލާފައި ކަމަށެވެ.

އެކަމަށް އެމްޕީއެލްއިން ހާއްސަ ފައިނޭންޝަލް ސްކީމެއް ތައާރަފް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފްލެޓްތަކުގެ މެއިންޓެނަންސް ފީ ކުޑަކޮށްދީ އަދި ބުކިން ފީއަކީ ޑައުންޕޭމަންޓްގެ ބައެއްގެ ގޮތުގައި މިހާރު ހަމަޖައްސައި ދީފައި ވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލްގެ ފްލެޓްތައް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މި ހަފްލާގައި ޝާހިދު ވަނީ ވިދާޅުވެފައެވެ.

އެމްޕީއެލް އިމާރާތް ކުރާ ތިން ޓަވަރުގައި 534 ޕްލެޓް ހިމެނޭއިރު އެއީ އެއް ކޮޓަރީގެ 204 ފްލެޓާއި ތިން ކޮޓަރީގެ 330 ފްލެޓެވެ.