މިރޭ ހުޅުމާލެ ނެރުމަތިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި ޑިންގީގައި އިން މީހާ މޫދަށް ވެއްޓުނު ވަގުތު ލޯންޗް ދިޔައީ އެމީހާގެ މަތިން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ހުޅުމާލެ ނެރުމަތިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި މީހަކަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީ ދީފައި ވާއިރު، އާންމުކޮށްފައި ވާ ފޮޓޯއިން އެމީހާ އަށް ބޮޑެތި ޒަހަމްތައް ލިބިފައި ހުރިތަން ފެނެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވާ ތަން ފެނުނީވެސް އެމްއެންޑީއެފްގެ މީހުންނަށެވެ.

އެމްއެންޑީއެފުން ބުނީ، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހާބަރ ކްރާފްޓް 113" މިރޭ 18:50 ހާއިރު ހުޅުމާލެ ނެރުން ވަންނަން ދިޔުމުގެ ތެރޭގައި އެކްސިޑެންޓެއް ވެފައި ވާތަން ފެނުނު ކަމަށެވެ. އަދި، ލޯންޗަކާއި ޑިންގީއެއް ހުޅުމާލެ ނެރުމަތީ މަޑުކޮށްގެން އޮތްތަން ފެނި ސުވާލު ކުރުމުން، ޑިންގީއާއި ލޯންޗު ޖެހި، ޑިންގީގައި ހުރި މީހަކު މޫދަށް ވެއްޓި އެ މީހާގެ ގައިމަތިން ލޯންޗު ގޮސްފައި ވާ ކަމަށާއި، ވެއްޓުނު މީހާ ނުނެގިގެން އުޅޭ ކަމަށް އެމީހުން ބުނި ކަމަށެވެ.

އަދި ވަގުތުން ކޯސްޓްގާޑު ހާބަކްރާފްޓްގެ ޑައިވަރެއް މޫދަށް ފުންމާލަައި، ވެއްޓުނު މީހާ ސަލާމަތް ކޮށްދިނެވެ.

ހާބާ ކްރާފްޓް 113 ގައި ތިބި ސިފައިންގެ އެހީގައި އެ އުޅަނދަށް އެމީހާ ނެގުމަށް ފަހު، އެމްއެންޑީއެފް ކަލާސީނު ކޮށްޓަށް ގެންގޮސް އަދި އެ މީހާ، އެމްއެންޑީއެފްގެ ވެހިކަލެއްގައި މިރޭ 19:00 ހާއިރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މިރޭ ހިނގި އެކްސިޑެންޓުގައި ހަތަރު މީހަކަށް ވަނީ އަނިޔާވި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ދިވެހި 2 ފިރިހެނަކާއި، ބިދޭސީ ފިރިހެނަކާއި އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރެއިން ދެ މީހަކަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާއިރު، އަނެއް ދެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

އަނިޔާވި ހަތަރު މީހުންނަކީ ވެސް ޑިންގީގައި ތިބި މީހުން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި އަޅާނުލައި ދިޔައީ ކޮން ލޯންޗެއް ކަމެއް ނުވަތަ ކޮން ބައެއްގެ ލޯންޗެއް ކަމެއް އަދި ސާފެއް ނުވެއެވެ.