ޗައިނާ އިން ރާއްޖޭގައި ހިންގާ ބައެއް މަޝްރޫއުތަކުގެ ދުވެލި އަވަސްކުރުމަށް އިސްކަމެއް ދެއްވާނެ ކަމަށް، ޗައިނާގެ ސަފީރު ވާން ލިޝިން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ޗައިނާގެ ސަފީރު ވިދާޅުވީ، އެ ގައުމުން އަބަދު ވެސް ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސޯދީ ދާއިރާތައް ކުރިއެރުވުމަށްޓަކައި އެއްބާރުލުން ދޭނެ ކަމަށެވެ.

މީގެ ފަސް އަހަރު ކުރިން، ޗައިނާގެ އެހީތެރިކަމާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގާއިމްކުރި ސިނަމާލެ ބްރިޖަކީ ޗައިނާ އާއި ރާއްޖެ އާ ދެމެދު އޮންނަ ގުޅުން ރަމްޒުކޮށްދޭ އެއް ބިނާ ކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވި ގޮތުގައި، ސިނަމާލެ ބްރިޖުގެ ސަބަބުން ރާއްޖޭގެ ތަރައްގީ އަށް އެކަމުގެ ހެޔޮ އަސަރުކޮށްފައި ވެއެވެ.

ވާން ލިޝިން ވިދާޅުވީ، އޭނާ ސަފީރު ކަމުގައި ހުންނަވައި މަސައްކަތް ކުރައްވާނީ ޗައިނާ އިން މިހާރު ހިންގާ ވެލާނާ އެއާޕޯޓު ބޮޑުކޮށް އަޕްގްރޭޑް ކުރުމުގެ މަޝްރޫއާއި، މައިކްރޯ ގްރިޑް ސީވޯޓާ ޑީސެލިނޭޝަން މަޝްރޫއުގެ މަސައްކަތްތައް އަވަސްކުރުމަށެވެ. މިހާރު ކޮވިޑް-19 ގެ ހާލަތު ކޮންޓްރޯލް ކުރެވިފައި އޮތުމުން، އެ މަޝްރޫއުތައް އަވަހަށް ނިންމުމަށް ބާރު އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމަ އެއާއެކު، ސިއްހީ ދާއިރާ އާއި، ނޫ އިގްތިސޯދާއި، ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމުގައި ޗައިނާ އާއި ރާއްޖެ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެވިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.