ރަޝިއާއިން ޔޫކްރައިން އަށް ހަމަލާ ދޭން، އީރާނުގައި އުފައްދާފައި ވާ ޑްރޯން ބޭނުން ކުރާތީ، ޔޫކްރައިންގައި ހުންނަ އީރާން އެމްބެސެޑަރު ބަލައިގަތުން އަނބުރާ ގެންދާ ކަމަށާއި އަދި ޑިޕްލޮމޭޓުންގެ އަދަދުވެސް މަދުކުރަން އަންގާފައި ވާ ކަމަށް ޔޫކްރައިން އިން ބުނެފިއެވެ.

ޔޫކްރައިންގެ ކީވްގައި ހުންނަ އީރާން އެމްބަސީގެ ޑިޕްލޮމޭޓުން މަދުކޮށް، އެމްބެސެޑަރު ބަލައި ނުގަންނަން ނިންމި އިރު، އީރާނުގެ ލޭބަލް ޖަހާފައިވާ 8 ޑްރޯން އެއް، ޔޫކްރައިން އިން މިހާތަނަށް ވައްޓާލާފައި ވެއެވެ.

ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލޮންސްކީ ވިދާޅުވީ، ޔޫކްރައިންގެ އިރާއި ދެކުނުން ހަމަލާ ދޭން ރަޝިއާއިން ބޭނުން ކުރާ އެއް ހަތިޔާރަކީ ޑްރޯން ކަމަށާއި މިހާތަނަށް ވައްޓާލެވުނު ޑްރޯންތަކުގެ ތެރެއިން 8 ޑްރޯނެއް އުފައްދާފައި ވަނީ އީރާނުގައި ކަމަށެވެ.

ޔޫކްރައިންގެ މި ތުހުމަތުތައް ދޮގު ކޮށް އީރާނުން ބުނީ، އެ ގައުމުން ރަޝިއާ އަށް ވެސް އަދި ޔޫކްރައިން އަށް ވެސް ހަތިޔާރު ނުދޭ ކަމަށާއި، އީރާނުގެ ސްޓޭންޑަކީ ވަކި އަތަކަށް ނުޖެހުން ކަމަށެވެ. އަދި އީރާނުން ތާއީދު ކުރަނީ މަޝްވަރާއިން ކަންކަން ހައްލު ކުރުމަށް ކަމަށްވެސް ބުނެފައި ވެއެވެ.

ރަޝިއާއިން ޔޫކްރައިން އަށް އަރާ ހަނގުރާމަ ކުރަމުން ދާތާ 7 މަސް ވެފައި ވާ އިރު، ރަޝިއާ އަށް ދަނީ ބޮޑެތި ނާކާމިޔާބީ އާ ކުރިމަތި ވަމުންނެވެ. ޔޫކްރައިންގެ އުތުރު ބިތުގައި ހަނގުރާމަ ކުރަމުން ދިޔަ ރަޝިއާ ސިފައިން ވަށާލައި، ޔޫކްރައިން އިން ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން، ހަތިޔާރާއި ތަކެތި ދޫކޮށް ފިލައިގެން ދިޔަ އިރު، ދެކުނުގެ ބައެއް ސަރަހައްދުތަކުން ވެސް ރަޝިއާ ސިފައިން ވަނީ ފަހަތަށް ޖެހިފައެވެ.

އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން، ރަޝިއާއިން މިހާރު މަސައްކަތް ކުރަނީ، ރިޒާވް ސިފައިންގެ ގޮތުގައި ތިބި 300،000 މީހަކު ހަނގުރާމައަށް ނެރުމަށެވެ. ރިޒާވް ސިފައިންނަކީ، ކޮންމެވެސް ވަރަކަށް އަސްކަރީ ތަމްރީނު ހުރި ނުވަތަ ހަތިޔާރު ބޭނުން ކުރަން އެނގޭ މީހުންނެވެ. ރަޝިއާއިން 300،000 ރިޒާމް ސިފައިން ނެރެން މަސައްކަތް ކުރާ އިރު، ޔޫކްރައިން ހަނގުރާމަ ފެށި އިރު 190،000 ހާސް ސިފައިން ބޭނުން ކުރި ކަމަށް ހަބަރު ލިބެއެވެ.

ދެފަރާތުގެ ހަމަލާތަކުގައި ރަޝިއާ ފައުޖުގެ ދެބައިކުޅަ އެއްބައި މަރާލެވިއްޖެ ކަމަށް ޔޫކްރައިނުން ބުނެއެވެ. ނަމަވެސް ރަޝިއާއިން ބުނެފައި ވަނީ މަރުވީ 5000 އެއްހާ ސިފައިން ކަމަށެވެ.