ހިނގަމުން މިދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އިތުރު ދައުރަކަށް ހޮވޭނީ ގޭންގުތަކުގެ އެހީއާ ވެސް ނުލައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ވިދާޅުވީ، ގޭންގުތަކާ ނުލައި ކުރިއަށް ދިޔުމުގެ ގަޓު މިސަރުކާރުގައި އެބަހުރި ކަމަށާއި އެވާހަކަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެތައް ފަހަރަކު ވިދާޅުވެފައިވާ ކަމަށެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، މިދިޔަ އަހަރު ނޮވެމްބަރު މަހު ތެރޭގައި މާލޭގައި ގޭންގެއްގެ ދެމެދުގައި މައްސަލަތައް ޖެހި ގޭންގު ރޫޅި ދެބައިވި ކަމަށާއި އެ މައްސަލަ ދިރާސާ ކުރުމުން ގޭންގުތަކުގެ ފަހަތުގައި ސިޔާސީ މީހުންނާއި ނުފޫޒުގަދަ މީހުން ތިބޭކަން ފާހަގަ ކުރެވިފައިވާ ކަމަށް އިމްރާން ވިދާޅުވެފައެވެ.

އެ ގޭންގު ރޫޅި ދެބައިވި މައްސަލަ ދިރާސާކުރުމުން ގޭންގުތަކުގެ ފަހަތުގައި ސިޔާސީ މީހުންނާއި ނުފޫޒުގަދަ މީހުން ތިބޭކަން އެނގުނު، އެހާ ހިސާބުން ގޭންގުތައް ހުއްޓުވުމަކީ ހަމައެކަނި ހޯމް މިނިސްޓްރީ އާއި ފުލުހުންނަށް ކުރެވޭނެ މަސައްކަތެއް ނޫންކަން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް އެ ގޭންގާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް މެދުވެރިކޮށް ގެންނެވިން
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

އިމްރާން ވަނީ ގޭންގުތައް ހުއްޓުވުމަކީ ހަމައެކަނި ހޯމް މިނިސްޓްރީ އާއި ފުލުހުންނަށް ކުރެވޭނެ މަސައްކަތެއް ނޫން ކަން ފާހަގަ ކުރައްވާފައެވެ.

މިކަން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނައުމުމަށް ޕްރެޒެންޓޭޝަނެއް ހުށަހެޅުއްވި ކަމަށާއި އެ ޕްރެޒެންޓޭޝަން ބެއްލެވުމަށް ފަހު ގޭންގުތަކާ ދެކޮޅަށް ޓާސްކްފޯހެއް އެކުލަވާލާފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އެ ޓާސްކުފޯހުގެ މަސައްކަތް ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން ގެންދާ ގޮތަށް ރައީސް ނިންމެވި ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މިހާރު ގޭންގުތަކުން އާ މެންބަރުން ރެކްރޫޓް ކުރުމަށް ކުރާ މަސައްކަތް ދެނެގަނެ، އިންޓެލިޖެންސުން އެ މަސައްކަތް ހުއްޓުވާފައިވާ ކަމަށެވެ. އަދި ގޭންގުތަކަށް ވަންނަން ބޭނުންވާ މީހުންގެ ހަރަކާތްތައް ވެސް އިންޓެލިޖެންސުން ބަލަމުންދާ ކަމަށް އިމްރާން ވިދާޅުވިއެވެ.