ފެށޭ ހަފްތާގައި އުތުރުގެ ހަތަރު ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ވަޑައިގަތުމަށް ހަމަޖެހިފައި ވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރައީސް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހއ. އުތީމާއި ހއ. ދިއްދޫގެ އިތުރުން ހދ. ފިނޭ އަދި ހދ. ނައިވާދު އަށް ކަމަށެވެ.

މިދަތުރުފުޅުގައި ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26ވަނަ ދުވަހު ކަމަށާއި އަދި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 28ވަނަ ދުވަހުގައި ކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ، ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކޮށް ރަށްރަށުގެ އާންމު ހާލަތާއި ރައްޔިތުންގެ ހާލު ބައްލަވާނެ ކަމަށެވެ.

އަދި މިރަށްރަށުގައި ސަރުކާރުން ކުރިއަށްގެންދަވާ ބައެއް މަޝްރޫއުތަކުގެ މަސައްކަތް ރައީސް ބައްލަވާލައްވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

އެގޮތުން މިހާރު އުތުރުގައި ފަށާފައިވާ ކާމިޔާބު މަޝްރުއު އާރުޓީއެލްގެ ދަތުރުތައް ކުރިއަށްދާގޮތާއި، ބައެއް ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ހިމެނެއެވެ.