ޓިކްޓޮކުގައި ބަރަހަނާވި ކ.މާލެ، ގ. ކަމަރާގެ މުހައްމަދު ނަބީލް 2 އަހަރަށް ޖަލަށްލައިފިއެވެ.

އެ މައްސަލާގައި ނަބީލްގެ މައްޗަށް އޮރިޔާންކާޑު ހެދުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައެވެ.

ކްރިމިނަލް ކޯޓުން ބުނީ ސެޕްޓެމްބަރު 2021 ގައި ޓިކްޓޮކް މެދުވެރިކޮށް ނަބީލްގެ ޖިންސީ ގުނަވަން ދައްކައި ޖިންސީ އަމަލު ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ހަދާފައިވާތީ ކަމަށް ބުނެ ދައުލަތުން ހުށަހެޅި ދައުވާއަށް ނަބީލް އިންކާރުކުރި ނަމަވެސް އެ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކި ގަރީނާއަށް ބަލާއިރު ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ.

ނަބީލް ޖިންސީ ގުނަވަން އެހެން މީހުންނަށް ހާމަކުރުމުގެ ގޮތުން އަމިއްލައަށް ބަރަހަނާވެ އޮރިޔާން ކާޑު އުފައްދައި އިންޓަނެޓް މެދުވެރިކޮށް އެ އުފެއްދި އޮރިޔާން ކާޑު އާންމުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުގައި ސެޕްޓެމްބަރު 11، 2021 ދުވަހުގެ ރޭ 9:32 ހާއިރު އޭނާ ދިރިއުޅޭ ގ. ކަމަރާގެ ފުލުހުން ބަލައި ފާސްކުރިއިރު ކޮޓަރީގެ އެނދުމަތީގައި އޮތް ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުލީލުކުރިއިރު އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފެނިފައިވާ ކަމަށްވެސް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފައެވެ.

އޮރިޔާން ކާޑު ހެދުމުގެ ދައުވާ ސާބިތުވެ 1 އަހަރަށް ޖަލަށްލުމަށް އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ސާބިތުވެ 1 އަހަރާއި 6 މަސް ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ. އެހެންކަމުން ނަބީލް 2 އަހަރާއި 6 ދުވަސް ޖަލު ހުކުމް ތަންފީޒުކުރަން ޖެހެއެވެ.

ނަބީލް ވަނީ އެ މައްސަލައާ ގުޅިގެން މީގެ ކުރިން ތިން ފަހަރެއްގެ މަތިން ހައްޔަރުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ހައްޔަރުކުރިއިރު އެ އަަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ޝަރުތުތަކަކާއެކު އޭނާ ވަނީ ދޫކޮށްލާފައެވެ. އަދި މިދިޔަ މަހުގެ 31 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ނަބީކލް ހައްޔަރުކޮށްފައިވާ އިރު މި މަހު 2 ވަނަ ދުވަހު އޭނާ ވަނީ ދޫކޮށްލާފައެވެ.

އެއަށްފަހު މި މަހުގެ 13 ވަނަ ދުވަހު އޭނާ ވަނީ ހައްޔަރުކޮށްފައެވެ.