ފެނަކައަށް ކޮރަޕްޝަންގެ ތުހުމަތު ބަޔަކު ކުރަނީ އެބަޔަކަށް ކޮރަޕްޝަންގެ އަމަލެއް ނުހިންގޭތީ ކަމަށް ފެނަކައިގެ އެމްޑީ އަހްމަދު ސައީޑު ވިދާޅުވެއްޖެއެވެ.
ފެނަކައާ ގުޅުވާ ދެކެވޭ ކޮރަޕްޝަންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ސައީދު މިއަދު ވިދާޅުވީ، ފެނަކައަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރަނީ މާޒީގައި ފެނަކައިން ބަޔަކު ކޮރަޕްޝަން ހިންގާފައި ވާތީ ކަމަށެވެ. އަދި މިހާރު އެފަދަ ކޮރަޕްޝަންގެ އަމަލެއް ނުހިންގޭތީ ކޮރަޕްޝަން ހިންގަން ބޭނުންވާ ބަޔަކު އެފަދަ ވާހަކަ ދައްކަނީ ކަމަށް އޭނާ ވިދާލުވިއެވެ.
މިއަދާ ހަމައަށް ކޮރަޕްޝަން ހިންގި ކަމަށް ބުނެފައިވާ އެއްވެސް ކަމެއް ސާބިތުވެފައި ނުވާ ކަމަށް ސައީދު ވިދާޅުވިއެވެ. މީގެ އިތުރުން މި ސަރުކާރުން ވައްކަމެއް ނުކުރާނެ ކަމަށާއި ނާޖާއިޒް ފައިދާއެއް ނުނަގާނެ ކަމަށާއި ކޮރަޕްޝަންގެ އަމަލެއް ވެސް ނުހިންގާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
މި މަހުގެ ކުރީކޮޅު ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމްް ވަހީދު (ވައްޑެ) އިސްތިއުފާ ދެއްވުމާއެކު ފެނަކަ ކޯޕަރޭޝަނާ ގުޅުވާ ކޮރަޕްޝަންގެ އަޑުތައް ގަދަވެގެން ގޮސްފައި ވަނީ ވައްޑެ އިސްތިއުފާ އަށް އެދި ފެނަކައަށް ހުށަހެޅުއްވި ސިޓީގައި ހުރި ވާހަކަތަކެއް މީޑިއާއަށް ތިލަވެގެން ދިއުމާ އެކުގައެވެ. އެ ސިޓީގައި ވަނީ ފެނަކައިގެ ޗެއާމަން މުހައްމަދު ރަޝީދާއި އެމްޑީ އަހްމަދު ސައީދަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.
އެ ސިޓީގައި ވަނީ އެ ކުންފުނީގެ ޗެއާމަން މުހަންމަދު ރަޝީދާއި އެމްޑީ އަހުމަދު ސައީދު، މަގާމާ ހަވާލުވެ ވަޑައިގަން އިރު ކުންފުނީގެ ދަރަނި ހުރީ 60 މިލިއަން ރުފިޔާގައި ކަމަށާއި ނަމަވެސް ފެނަކައިގެ ދަރަނި މިހާރު ވަނީ 1.5 ބިލިއަން ރުފިޔާ އަށް އަރާފައި ކަމަށް ބުނެފައެވެ.
މި ވާހަކަވެސް މިއަދު ސައީދު ވަނީ ތަފްސީލް ކޮށް ދެއްވާފައެވެ. އެގޮތުން ފެނަކައާ މި ސަރުކާރުން ހަވާލުވި އިރު ދަރަނި ހުރީ 1.4 ބިލިއަން ރުފިޔާގައި ކަމަށާއި މިހާރު ދަރަނި ހުރީ 1.2 ބިލިއަން ރުފިޔާގައި ކަމަށް ސައީދު ވަނީ ވިދާލުވެފައެވެ. އަދި މިދިޔަ ސަރުކާރުން ފެނަކައަށް ކުރި ކެޕިޓަލް އިންވެސްޓްމަންޓްގެ ހަރަދަށް 1 ބިލިއަން ރުފިޔާވެސް ނާރާނެ ކަމަށާއި މި ސަރުކާރުން މިހާތަނަށް 3 ބިލިއަން ރުފިޔާގެ ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި ކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.