ލ. ގަމުން ގެއްލިގެން ހޯދަމުންދިޔަ އުމުރުން 60 އަހަރަށް ވުރެ ދުވަސްވެފައިވާ ހަދީޖާ އަބްދުއްރަހުމާން ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު 6:25 ހާއިރު ހަދީޖާ ފެނިފައިވާއިރު އޭނާގެ ހާލު ރަނގަޅެވެ. އެހެންނަމަވެސް މާ ބޮޑަށް ވަރުބަލި ވެފައި ހުރުމުން ގަމު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދޭން މިހާރު ވަނީ ފަށާފައެވެ.

ހަދީޖާ ހޯދުމުގެ މަސައްކަތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް އާއިލާއިން ވަނީ ޝުކުރުއަދާކޮށްފައެވެ.

ހަދީޖާ ފެނުނީ ކޮންތަނަކުން ކަމެއް ސީދާ ނޭނގުނު ނަމަވެސް އެ ރަށުން "ދަ ޕްރެސް" އާ ވާހަކަދެއްކި މީހަކު ބުނީ އިއްޔެ ބޭރަށް ދިޔަ ގޮތަށް ގެއަށް އަންނަން ނޭނގުނީ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ އިތުރުން ހުޅުމާލެ އިން މި މަހުގެ 19 ވަނަ ދުވަހު ގެއްލުނު އުމުރުން 27 އަހަރުގެ މުހައްމަދު އަޛުހާން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.