ޅ. އޮޅުވެލިފުށީގެ ބާ އިންޖީނުގެ ނިއްވާލައި އާ އިންޖީނުގެއިން ހިދުމަތް ދޭން ފަށަފައިވާ ކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކަ އިން ބުނީ އޮޅުވެލިފުށީގައި 28 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެނދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލައި، މުޅިން އާ އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފަށާފައިވާ ކަން އުފަލާ އެކު ފާހަގަ ކުރާ ކަމެއް ކަމަށެވެ. އާ އިންޖީނުގޭގެ ހިދުމަތް ދޭން ފަށާފައި ވަނީ އިއްޔެ މެންދުރު ފަހު 2:24 ހާއިރުން ފެށިގެން ކަމަށް ފެނަކައިން ބުނެއެވެ.

އަލަށް އިމާރާތްކުރާ އިންޖީނުގެތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި، ރައްކާތެރިކަމާ އެކު ތެޔޮ ރައްކާކުރެވޭނެ ތަނެއް ގާއިމުކޮށްފައި ހުންނާނެ ކަމަށް ފެނަކައިން ބުނެއެވެ. ހަމައެއާއެކު ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިންޖީނުގެތަކުން ދުން ބޭރުކުރުމަށް ދުންހޮޅި ނުވަތަ ޗިމްނީ ތަކެއް ހަދާފައިވާނެ ކަމަށް ވެސް ފެނަކައިން ބުނެއެވެ.

އޮޅުވެލިފުށީގެ އިތުރުންވެސް ގިނަ ރަށްރަށުގެ އިންޖީނުގެ ފެނަކަައިން އާކޮށްދީފިއެވެ. ރަށްރަށުގެ އާ އިންޖީނުގެތައް ހުޅުވާއިރު ކަރަންޓް ނެޓްވޯކް އަޕްގްރޭޑް ކޮށް މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން 70 ޑެސިބެލް އަށް ވުރެ މަތިނުވާނެހެން ސައުންޓް އެޓެނުއޭޓަރު ފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި އިންޖީނު ގެއިން އުފައްދާ އަޑު މަޑުކުރެވޭ ކަމަށް ވެސް ފެނަކައިން މައުލޫމާތު ދެއެވެ.