މާލޭގެ ރަށްވެހިންނަށް ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި ފޯމް ލާ މުއްދަތު ހަމަވާން 6 ދުަހަށް ވެފައި ވަނިކޮށް ފޯމް ލެވޭ މުއްދަތު ޕްލޭނިން މިނިސްޓްރީން އިތުރު ކޮށްފިއެވެ.

މާލެ ސަރަހައްދުން ބިމަށާއި ފްލެޓަށް ކުރިމަތިލުމަށް މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ފުރުސަތު ހުޅުވާލި އިރު، ފޯމު ހުށަހެޅުމަށް ދިން ސުންގަޑިއަކީ މި ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހެވެ.

ނަމަވެސް އިއްޔެ ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، ގޯތި ދޫކުރުމުގެ އުސޫލަށް މިދިޔަ ބުރާސްފަތި ދުވަހު ގެނައި ބަދަލާ ހެދި، ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅީފަޅުން ދޫކުރާ 3،000 ގޯތި އަދި ހުޅުމާލޭގައި ތަރައްގީކުރާ 4،000 ފްލެޓަށް އެދުމުގެ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ.

އެ އުސޫލަށް ގެނައި ބަދަކުގައި މާލޭގެ ރައްޔިތެއްގެ ގޮތުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓްރީގައި ޖެހިފައި ނުވާ މީހުން ނަމަވެސް، އެ މީހެއްގެ މަންމައަކީ ނުވަތަ ބައްޕައަކީ މާލޭގެ ރައްޔިތަކަށް ވެފައި، ސަރުކާރުން ހިންގާފައިވާ ސިޔާސަތެއްގެ ސަބަބުން، ކަނޑައަޅާފައިވާ ގަވައިދެއްގެ ސަބަބުން ނުވަތަ އުސޫލެއްގެ ސަބަބުން ކުރިން އެހެން ތަނެއްގެ ރަޖިސްޓްރީގައި ޖެހުމަށް ފަހު މިހާރު މާލޭގެ ރައްޔިތެއްގެ ގޮތުގައި މީހަކު ރަޖިސްޓްރީ ވެފައި ވާނަމަ، އެފަދަ މީހުންނަކީ ވެސް މާލޭގެ ރައްޔިތުންގެ ގޮތުގައި ބަލާ ގޮތަށެވެ.

ގޯތި ދޫކުރާ އިރު އެކަކު ގޯއްޗަށް އެދި ހުށަހަޅާ ނަމަ ލިބޭނީ 1250 އަަކަފޫޓުގެ ބިމެކެވެ. އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު، ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެ ކަމަށް އެ އުސޫލުގައި ބުނެއެވެ. އެގޮތުން 7 މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމްލަ 4000 އަކަފޫޓުގެ ބިމެއް ކަމަށް އެ އުސޫލުގައި ބުނެއެވެ.

މިހާތަނަށް ގޯއްޗާއި ފްލެޓަށް އެދި ޕްލޭނިން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް 10،000 އަށް ވުރެ ގިނަ މީހުން ވަނީ ފޯމް ލާފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.