ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ގިނަ މާއްދާތަކެއް ހިމަނާފައި ވާތީ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައިވާ ހާރިޖީ މަސްލަހަތު ހިމާޔަތް ކުރުމުގެ "އިންޑިއާ އައުޓް" ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފިއެވެ.

އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި މަޖިލީހަށް ބަލައިގަތުމާމެދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އަހާފައިވާއިރު 44 މެންބަރުންގެ ވޯޓާއެކު އެ ބިލު ބަލައިގަތުމަށް ވަނީ ފާސްކޮށްފައެވެ. އަދި މަޖިލީހުން އެ ބިލު ބަލައިގަތުމާއެކު އެ ބިލު ދިރާސާ ކުރުމަށް ފޮނުވާނީ ޖުޑީޝަރީ ކޮމިޓީއަށް ނުވަތަ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ. ނުވަތަ ދެ ކޮމިޓީ އެއްކޮށްލައިގެން ޖޮއިންޓް ކޮމިޓީއަކަށެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ. އެ ބިލުގައި ވަނީ ރާއްޖެއިން ހާރިޖީ ގުޅުން ގާއިމްކޮށްފައިވާ ގައުމަކަށް ނުވަތަ އެ ގައުމެއްގެ ރައްޔިތުންނަށް ނިސްބަތްކޮށް، ހަތް ކަމެއް ކުރުމަކީ ކުށެއްގެ ގޮތުގައި ބަޔާންކޮށްފައެވެ.

  • އެހެން ގައުމެއްގެ ދިދައަކަށް ނުވަތަ އެއްވެސް ރަމްޒަކަށް ބަދަލެއް ގެނައުން
  • އެހެން ގައުމެއްގެ ރައްޔިތުންނަށް ނުވަތަ ރާއްޖޭގައި ހުރި އެހެން ގައުމުތަކުގެ މުއައްސަސާތަކަށް ގެއްލުން ދިނުމާއި، ގެއްލުން ދިނުމަށް ގޮވާލުން
  • އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ އަނިޔާކުރުން ނުވަތަ އަނިޔާ އެއް ދިނުމަށް ގޮވާލުން
  • އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ އޭނާގެ ދީނީ އަދި ސަގާފީ އާދަކާދަތަކާ މެދު ނަފްރަތު އުފެއްދުން
  • އެހެން ގައުމެއްގެ ނުވަތަ އެ ގައުމެއްގެ ރައްޔިތުންނާ މެދު އާންމުންގެ މެދުގައި ނަފްރަތު އުފެދޭ ފަދަ ތަކެތި އާންމުކުރުން
  • އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލުން
  • އެހެން ގައުމެއްގެ ރައްޔިތުންގެ ހިތްތަކުގައި ރާއްޖެއާ މެދު ނަފްރަތު އުފެދި، އެކަމުގެ ސަބަބުން އެފަދަ ގައުމެއްގައި ދިރިއުޅޭ ދިވެހިންނަށް ދަތިތަކެއް ކުރިމަތިވާނެ ފަދަ އަމަލެއް ކުރުމާއި ކުރަން އުޅުން

އެ ބިލުގައިވާ ގޮތުން، އެހެން ގައުމެއްގެ ރައްޔިތުންނަށް، ނުވަތަ ރާއްޖޭގައި ހުރި އެހެން ގައުމެއްގެ މުއައްސަސާ އަކަށް ގެއްލުން ދިނުމަކީ ފަސްވަނަ ދަރަޖައިގެ ކުށެކެވެ. ފަސްވަނަ ދަރަޖައިގެ ކުށެއް ކުރާ މީހެއްގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ބޮޑު އަދަބަކީ ދެ އަހަރަށް ޖަލަށް ލުމެވެ. އަދި ބާކީ ހުރި ކުށްތަކަކީ އެއްވަނަ ދަރަޖައިގެ ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާއިރު، އެފަދަ ކުށެއް ކުރާ މީހެއްގެ އަސާސީ ޖަލު ހުކުމަކީ ހަތަރު މަހާއި 24 ދުވަހެވެ. އަދި އެންމެ ބޮޑު އަދަބަކީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

އެހެންކަމުން، އެ ބިލް ގާނޫނެއްގެ ގޮތުގައި މަޖިލިހުން ފާސްކޮށް، އެ ބިލް ތަސްދީގުކުރުމާ އެކު، ސޯޝަލް މީޑިއާގައި ވެސް އިންޑިއާ އައުޓް ގޮވުން މަނާ ވާނެއެވެ.