ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނެޖިން ޑައިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވިތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް އިބްރާހިމްް ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެ މިހެން ވިދާޅުވީ، އޭނާ އިސްތިއުފާ ދެއްވި ސިޓީއާ ހަވާލާދީ އިސްތިއުފާ ދެއްވި ވާހަކަ ބައެއް ނޫސްތަކުގައި ޝާއިއުކޮށްފައި ވަނިކޮށެވެ. އިސްތިއުފާ ސިޓީއާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން އެއްވެސް މީޑިއާއެއްގައި ވާހަކަ ދައްކަވަން ބޭނުން ނުވާ ކަމަށެވެ.

އޭނާ އިސްތިއުފާ ދެއްވައި ފޮނުއްވި ސިޓީއަކީ މި މަހުގެ 7 ވަނަ ދުވަހު ފޮނުވާފައިވާ ސިތީއެކެވެ. އެ ސިޓީގައި ވަނީ އެ ކުންފުނީގެ ޗެއާމަން މުހަންމަދު ރަޝީދާއި އެމްޑީ އަހުމަދު ސައީދުގެ މަގާމާ ހަވާލުވެ ވަޑައިގަތް އިރު ކުންފުނީގެ ދަރަނި ހުރީ 60 މިލިއަން ރުފިޔާގައި ކަމަށާއި ނަމަވެސް ފެނަކައިގެ ދަރަނި މިހާރު ވަނީ 1.5 ބިލިއަން ރުފިޔާ އަށް އަރާފައި ކަމަށެވެ.

ވައްޑެގެ އިސްތިއުފާ އާ ގުޅޭ ގޮތުން ފެނަކައިން ރަސްމީކޮށް އެއްޗެއް ބުނެފަައި ނުވާއިރު، 2019 އިން ފެށިގެން ފެނަކައާ ވައްޑެ ގުޅިވަޑައިގެންނެވީއްސުރެ މިނިވަން ކަމާއެކު މަސައްކަތް ކުރައްވަން ހުރަސްތައް ކުރިމަތިވާ ކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ. އަދި ކުންފުނީގެ އެއްވެސް ޑޭޓާ އަކަށް ވެސް އެކްސެސް ނުވެވޭ ގޮތަށް ހުންނަތާ ތިން އަހަރު ވެއްޖެ ކަމަށް ވެސް ވެއެވެ. އަދި މިކަންކަމާ ގުޅިގެން ޗެއާމަންއަށް ފޮނުއްވި އެއްވެސް ސިޓީއަކަށް މިހާތަނަށް ޖަވާބެއް ލިބިފައި ނުވާކަމާއި އެ ކަންކަމާ ގުޅޭ ގޮތުން ކުންފުނީގެ ބޯޑުގައި މަޝްވަރާ ކުރަން އުޅުއްވުމުންވެސް ކޮންމެ ފަހަރަކު ޗެއާމަން ވަނީ އެކަން ހުއްޓުވާފައި ކަމަށް ވެސް އެ ސިޓީގައި ވެއެވެ.

ވައްޑެ އިސްތިއުފާ ދެއްވީ އެނުއަލް ލީވްގައި ގިނަ ދުވަސްތަކެއް ވާންދެން ހުންނެވުމަށް ފަހު އެވެ. ދާދި ފަހުން ނިމިގެން ދިޔަ އެމްޑީޕީ ކޮންގްރެސް ކުރިއަށް ދިޔަ އިރުވެސް އޭނާ ހުންނެވީ ލީވްގައެވެ.