މަޝްހޫރު ފިލްމީތަރި ޖޯނީ ޑެޕް އާއި އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑްގެ ބޮޑު މައްސަލަގަނޑަށް ބިނާކޮށް ފިލްމެއް އުފައްދަން ނިންމައި އެ ރިލީޒްކުރާ ދުވަސް ހާމަކޮށްފިއެވެ.

ކޯޓުގައި އެމީހުންގެ މައްސަލަތައް ދިޔަ ގޮތާއި އެމައްސަލަގަނޑު ނިމުން ގޮތާއިމެދު ވެބް ފިލްމެއް ގެނެސްދޭން ނިންމާފައިވާއިރު މި ފިލްމު ސްޓްރީމްކުރާނީ ފޮކްސްގެ ޓިއުބީން ސްޓްރީމިން ޕްލެޓްފޯމުން ކަމަށް ޚަބަރުތައް ބުނެއެވެ. މި ފިލްމު އާންމުންނާ ހަމައަށް އަންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ/

"ހޮޓް ޓޭކް: ދަ ޑެޕް/ހާޑް ޓްރަޔަލް" ގެ ނަމުން ނަންދީފައިވާ މި ވެބް ފިލްމުގައި ދައްކާނީ ހަ ހަފްތާގެ މުއްތަދަކަށް ކޯޓުގައި ޖެހި ސަކަރާތުގެ ވާހަކައެވެ. ޖޫން މަހު ޖޯނީ ޑެޕްގެ ކޮޅަށް މި މައްސަލަ މޮޅުވެގެންދިޔައިރު އެމްބާ ހާޑް ކޯޓަށް މައްސަލަ ހުށައެޅީ ޑެޕްގެ ބޮލުގައި ބޮޑެތި އިލްޒާމްތަކެއް އެޅުވުމަށްފަހުއެވެ. ޑެޕަކީ ގެވެށި އަނިޔާ ކުރާ ފިރިހެނެއްކަމަށް ބުނެއެވެ.

މި ވެބް ފިލްމުގައި އެމްބާގެ ރޯލު މޭގަން ޑޭވިސް ކުޅޭއިރު ޑެޕްގެ ރޯލުން ފެނިގެންދާނީ މާކް ހެޕްކާއެވެ.

މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަގުތުން މަންޒަރުތައް ބަލަމުން ދިޔަ ޑެޕްއާއި ހާޑްގެ ޝަރިއަތުގެ އަޑުއެހުންތަކުގައި، ޑެޕްއާއި ހާޑްވެސް ވަނީ އެކަކު އަނެކަކު ދެއްކި ވާހަކަތަކަށް އިންކާރުކޮށް، ދިރިއުޅުމުގެ ކަންކަން ކުރިއަށް ދިޔަ ގޮތުގެ ވާހަކަ، ތަފާތު ގޮތް ގޮތަށް ހިއްސާ ކޮށްފައެވެ.

ޑެޕްއާއި ހާޑް އެންމެ ފުރަތަމަ ބައްދަލުވީ 2009 ގައި ރިލީޒްކުރި ފިލްމު "ދަ ރަމް ޑައެރީ" ގެ ސެޓުންނެވެ. އެ ސެޓުން ދެމީހުންގެ ގުޅުން އުފެދި ލޯބިވެގެން ދެތަރިން ކައިވެނިކުރީ 2015 ވަނަ އަހަރުގައެވެ. ޖެހިގެން އައި އަހަރު ޑެޕްގެ ކިބައިން ސަލާމަތްވުމަށް ހާޑް ވަނީ ވަރިވުމަށް ކޯޓުގައި އެދިފައެވެ. ދެމީހުންގެ ވަރީގެ މައްސަލަ ވެސް ހޫނުވެ ކޯޓުގައި ވަރީގެ މައްސަލަ ސާބިތުވީ 2017 ވަނަ އަހަރުގައެވެ.